ފެންނަ ނުފެންނަ ވޯޓުގެ ސުވާލުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވޭ: އޭޖީ އޮފީސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ކުރަން ކަނޑައަޅައިފައިވާ ސުވާލަކީ ގާނޫނުއަސާސީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ސައްހަ ސުވާލެއް ނޫން ކަމަށް ވިދާޅުވެފައެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ، އެ ކަމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ކަމަށާއި ނަމަވެސް މިހާރު ފާސްކޮށްފައިވާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި އޮތް ސުވާލަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ސުވާލެއް ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. https://sun.mv/219271 އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާ ގުޅޭ ގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އޭޖީ އޮފީހުން ބުނީ، ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ މަޤުޞަދަކީ ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށާއި ދެވަނަ މަޤުޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އެކެއް ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އޭޖީ އޮފީހުން ވަނީ ޤާނޫނުއަސާސީއިން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށް ބުނެފައެވެ. އެގޮތުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ހ އަދި ށ ގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ، އެ ބިލެއް ތަސްދީޤުކުރުމުން ކަމަށާއި 262 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފި ކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ހ އެވެ. ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ހ ކަމަށްވާތީ، ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީޤުކުރަން ފެންނަނަމައެވެ، އޭޖީ އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ. އެ އޮފީހުން ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ޙާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެ ކަމަށް ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ. އެ ބަޔާނުގައި ވަނީ ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ އަށްވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ހ އިސްލާޙުކޮށް ތަޢާރަފުކުރާ އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ޤާނޫނުއަސާސީން މި ކަމާ ގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށް ބުނެފައެވެ. އަދި، މިކަން މި ނޫން ގޮތަކަށް މާނަކުރުމަކީ ޤާނޫނީ އަދި ދުސްތޫރީ އުޞޫލުތަކާ ތައާރަޞްވާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ