މޯލްޑިވް ގޭސްއިން 250،000އެއްހާ ޑޮލަރު (3.9 މިލިއަން ރުފިޔާ) ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ މުހައްމަދު ޖުވާ ކުޅެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި އެގޮތަށް ފުރަތަމަ ތުހުމަތު ކުރެއްވީ، ވައިކަރުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.
ތަފްސީލު - ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ބާއްވަމުން އަންނަ ކުއްލި ޖަލްސާގައި އެވަގުތު ހިނގަމުންދިޔަ ބަހުސްއަކީ، ޖުވާ ކުޅުން ގާނޫނީ ކުށަކަށް ހެދުމަށް ގާނޫނޫލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސް އެވެ.
އެ ބިލަށް ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ޒިޔާދު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުންޏެއްގެ އެމްޑީއަކު ޖުވާ ކުޅުނުކަން އޭނާއަށް މައުލޫމާތު ލިބުނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ މައްސަލައެއްގެ ތެރެއިންނެވެ.
"މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެން ބެލި އެއް މައްސަލައިގައި އަޅުގަނޑު ބުނާތީ އަޑުއެހިން، 250،000 ޑޮލަރެއްގެ ވާހަކަ އެ ކުންފުންޏާ ހަވާލުވެ ހުންނެވި އެމްޑީ، އާހިރުގައި ކަންވީ ގޮތަކީ ހަމަ [ޖުވާ ކުޅުނު ކަމަށް ބުނާ ވެބްސައިޓްގެ ނަން އުނިކުރެވިފައި] އަޅާފައި ކުޅެލީ ކަމަށް ވަނީ. އެ ފައިސާއެއް ނެތް އިޒަތްތެރި ރައީސް،" އެ ވާހަކައިގެ މާ ބޮޑު ތަފްސީލަކަށް ވަޑައިނުގަންނަވައި ހުސައިން ޒިޔާދު ވިދާޅުވި އެވެ.
"މި މައްސަލަ ނުބެލި އޮތީ ގާނޫނުލްއުގޫބާތުގައި މި [ޖުވާ ކުޅުމުގެ] ވާހަކަ ނުލިޔެގެންތޯ؟ އެ ސުވާލު ރައްޔިތުން ކުރާނެ."
ފަސްމަންޒަރު - މޯލްޑިވް ގޭސްގެ ގޭސް ޝިޕްމަންޓެއް ނުލިބި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު މައްސަލައެއް މިދިޔަ އަހަރު އޭޕްރީލް މަހު ފެންތިވި އެވެ. އަދި އެ މައްސަލަ އޭރު މާލިއްޔަތު ކޮމިޓީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް ބުނި ނަމަވެސް އެ ކޮމިޓީ އާއި ކޮމިޝަނުން އޭގެ ތަފްސީލެއް ނުދެ އެވެ. އެގޮތުން:
ހުސައިން ޒިޔާދުގެ ވާހަކައިގައި މާލިއްޔަތު ކޮމިޓިން ބަލަމުންދިޔަ މައްސަލައެއް ކަމަށް އިޝާރާތް ކުރެއްވީ މޯލްޑިވް ގޭސްގެ ފައިސާ ގެއްލުނު މައްސަލަ
މި މައްސަލަ ފެންމަތިވުމާ އެކު އެ ކުންފުނިން ވަނީ ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެފައި
އޭގެ އިތުރުން، ގޭސް ގެނައުން އެސްޓީއޯގެ ދަށަށް ވަގުތީ ގޮތުން ބަދަލު ކުރި ކަމަށް ވެސް އޭރު ރިޕޯޓުކުރި
ހުސައިން ޒިޔާދު ދެން އުފެއްދެވި ސުވާލަކީ، މަޖިލީހަށް މިއަދު ހުށަހެޅި ބިލު ގާނޫނަކަށްވުމުން "މޯލްޑިވް ގޭސްގެ އެމްޑީ އެ 250،000 ޑޮލަށް ހެދި ގޮތެއް ހޯދޭނެތޯ" އެވެ. އެއާ އެކު، އޭނާ ވިދާޅުވީ:
ގާނޫނެއް ހެދުމަކުން އަދި ނުނިމޭ ކަމަށާއި އެއީ ތަންފީޒު ކުރެވޭނެ އެއްޗެއްތޯ ބަލައި ތަންފީޒު ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ޖެހޭ
ޒަމާން ބަދަލުވެ، ޖުވާ ކުޅުން ވެސް މިހާރު އޮންލައިން ޕްލެޓްފޯމުތަކަށް ބަދަލުވެފައިވޭ
މީގެ ކުރިން ވެސް މިގޮތަށް ނަމަކަށް މި މަޖިލީހުން ގާނޫނު ހެދި؛ ނަމަވެސް ތަންފީޒުވާ ތަނެއް ނުފެނޭ
ހުސައިން ޒިޔާދަށް ފަހު ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ޖުވާ ކުޅުމަކީ ކޮބައިކަން ވަރަށް ސާފުކޮށް ބިލުގައި ބަޔާން ކުރަން ޖެހޭ ކަމަށެވެ. އަދި މޯލްޑިވް ގޭސްއިން ގެއްލުނު ފައިސާ ގެއްލުނީ "ފޮރެކްސް ކުޅެގެން" ނުވަތަ ޓްރޭޑްކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އެ ވާހަކަ [މޯލްޑިވް ގޭސްގެ އެމްޑީ ޖުވާ ކުޅުނު ވާހަކަ] ދެއްކީ އަޅުގަނޑުމެންނެއް ނޫން. މި އިއްޒަތްތެރި މަޖިލީހުގެ ޕީއެންސީގެ ވަރަށް އިސް އޮފިޝަލުންތަކެއް ބުނީ 250،000 ޑޮލަރު ގެއްލުނީ އެއީ ފޮރެކްސް ކުޅެގެން،" ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ފޮރެކްސް އާއި ސްޓޮކަށް އިންވެސްޓްކޮށްގެން ވެސް ފައިސާ ގެއްލޭ ކަމަށެވެ. އަދި ބިލުގައި ޖުވާ ކުޅުން އޮތް ފުޅާ މާނައިގެ ސަބަބުން އޮޅުން އަރާކަން ފާހަގަކުރައްވައި އެކަންކަން ސާފުކޮށް ބަޔާން ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މޯލްޑިވް ގޭސްއިން ފައިސާ ގެއްލުނީ އެމްޑީ ޖުވާ ކުޅުމުން ކަމަށް ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ