ސްޓްރޯކެއް ޖެހިފައިވާ ނިމާލް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަނީ
ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ ހުއްދަ ދީފިއެވެ. ސްޓްރޯކެއް ޖެހިގެން ނިމާލް، އޭޑިކޭ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހެވެ. އޭގެ އަނެއް ދުވަހު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދިވެސް އޭނާގެ ހާލު ސީރިއަސްއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން މިހާރު އާއިލާއަށް ހުއްދަ ދީފައިވާކަން 'ސަން'އަށް ވަނީ އެނގިފައެވެ. https://sun.mv/216162 އުމުރުން މިހާރު 62 އަހަރުގެ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ. ހަމައެއާއެކު ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާ ވަރަށް ގިނައިން ފެނިފައިވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެއް ވެސް މެއެވެ. އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ. އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ލޯބިވެވިއްޖެ ފިލްމުގައެވެ. ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ