ތަޤުވާގެ ފުން މާނަ ޢުމަރުގެފާނުގެ ޚިލާފަތުން ދަސްކުރުން
ރޯދަމަހު ނުކައިނުބޮއެ ހުރުމުން ކުރެވޭ އިޙްސާސަކީ ހަމައެކަނި ބަނޑުހައިހޫނުކަމެއް ނޫނެވެ. އެއީ ނިކަމެތީންގެ ވޭނާއި ކެކުޅުންތައް އަމިއްލަ ނަފްސަށް ތަޖުރިބާ ކުރެވޭ އިމްތިޙާނެކެވެ. ރޯދައިން އަހުރެމެންގެ ހިތްތަކަށް ގެނެސްދޭ މި ތަޢާޠުފް (އެމްޕަތީ) އާއި ނަފްސުގެ އެދުންތައް ކޮންޓްރޯލު ކުރުމުގެ ސިފައަކީ، ވެރިކަމާއި މަސްއޫލިއްޔަތު އުފުލުމުގައި ހުންނާން ޖެހޭ އެންމެ މުހިއްމު އަސާސްތަކެވެ. މި މަތިވެރި ސިފަތައް، ވެރިކަމުގެ ޢަމަލީ އުސޫލަކަށް ހެއްދެވި އެންމެ ނަމޫނާ އެއްބޭފުޅަކީ އަމީރުލް މުއުމިނީން ޢުމަރު ބިން އަލްޚައްޠާބު (ރަޟިޔަﷲ ޢަންހު) އެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި، ވެރިކަމަކީ އިމްތިޔާޒެއް (ޕްރިވިލެޖް އެއް) ނޫނެވެ. އޭގެ ބަދަލުގައި، އެއީ ރައްޔިތުންގެ ހާލަތު އަމިއްލަ ނަފުސަށް އިޙްސާސްކޮށް، އެ ކަމަށް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭ އަމާނާތެއް ކަމުގައި އެކަލޭގެފާނު ދެކެވަޑައިގަތެވެ. މި ލިޔުމުގައި ހިމަނައިލާފައި ވާނީ، ޢުމަރުގެފާނުގެ ޚިލާފަތުން ލިބިގަނެވޭ، "ތަޤުވާ" ގެ ފުން މާނައިގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ފިލާވަޅުތަކެވެ. އަމާނާތްތެރިވުން ޢުމަރުގެފާނުގެ ޚިލާފަތު ބިނާވެފައި ވަނީ މީސްތަކުންގެ ކުރިމަތީގައްޔާއި ﷲ ގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ޖެހޭނެ ކަމުގެ ފުރިހަމަ ތަޞައްވުރެއްގެ މައްޗަށެވެ. ދައުލަތުގެ ފައިސާއާއި މުދަލާ މެދު އެކަލޭގެފާނު ދެކެވަޑައިގަތީ ޔަތީމެއްގެ މުދާ ފަދައިންނެވެ. އެއީ ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭ އެއްޗެއް ކަމުގައި ވާތީއެވެ. ޢުމަރުގެފާނު ޤަބޫލުފުޅު ކުރެއްވި ގޮތުގައި، ޚަލީފާކަމަކީ އެކަލޭގެފާނަށް ލިބިވަޑައިގެންނެވި މުޠުލަޤު ބާރެއް ނޫނެވެ. އެއީ ފާރަވެރިވުމާއި ހާމަކަން ބޮޑުކަމާއި އަދި އަޚްލާގީ ރީތި ސިފަތަކުން ނަފުސު ތަހުޒީބު ކުރާ ޚުޠޫރަތްތެރި އަމާނާތެކެވެ. މި ސަބަބަށްޓަކައި، އެކަލޭގެފާނު ގަވަރުނަރުންގެ މައްޗަށް ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައި، އެ ބޭފުޅުންގެ ޢަމަލުތައް ބައްލަވައި، ޝަކުވާތައް ތަހުގީގު ކުރައްވައި، އަދި ބައިތުލްމާލު ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ގޮތަށް ރައްކާތެރި ކުރެއްވިއެވެ. ދަތި ހާލަތްތަކުގައި ޢަމަލު ކުރާންވީ ގޮތް ހިޖުރައިން 18 ވަނަ އަހަރުގައި މަދީނާއަށް ކުރިމަތިވި ތަދުމަޑުކަމުގައި، ޢުމަރުގެފާނު ގެންގުޅުއްވި އިދާރީ އަދި އަޚްލާގީ އުޞޫލުތަކަކީ، މިޒަމާނުގައި ވެސް ކުރިމަތިވާ މި ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ޢަމަލު ކުރާނެ ގޮތުގެ ފުރިހަމަ މިސާލުތަކެވެ. އެގޮތުން، އެކި ހިސާބުތަކުގައި ތިއްބެވި ގަވަރުނަރުން މެދުވެރި ކުރައްވައި ކާބޯތަކެތި ހޯއްދަވައި ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ބައްސަވަމުން ގެންދެވިއެވެ. ހަމައެއާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ފިލައިދަންދެން، މީރު ކާތަކެއްޗާއި މަސް އެކަލޭގެފާނުގެ ސުފުރާ މައްޗަށް އެރުވުން މަނާކުރައްވައި، ރައްޔިތުންގެ ވޭނުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. "ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފު އަމިއްލައަށް އިޙްސާސް ނުކުރެވޭނަމަ، އެމީހުންގެ ކަންކަން އެންމެ ރަނގަޅަކަށް ނުބެލެހެއްޓޭނެއެވެ" (އައްޞައްލާބީ 2007، 409-410). މިއީ ރަމަޟާން މަހުގެ ބަނޑުހައިހޫނުކަމުން އުފައްދައިދޭ ތަޢާޠުފް ނުވަތަ އަނެކުންގެ އިޙްސާސްތައް ދެނެގަތުމުގެ ސިފަ، ދައުލަތް ހިންގުމުގެ ދާއިމީ އުޞޫލެއްގެ ގޮތުގައި ޢުމަރުގެފާނު ބޭނުންކުރެއްވި ކަމުގެ ރީތި މިސާލެކެވެ. ޢަދުލުވެރިކަން ޤާއިމު ކުރުން މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް، ޢަދުލުވެރިކަން ޤާއިމު ކުރެއްވުމުގައި ޢުމަރުގެފާނު މުސްލިމުންނާއި އެނޫން މީހުންނާ ތަފާތެއް ނުކުރައްވައެވެ. އެކަލޭގެފާނަށް ޚަލީފާކަން ލިބިވަޑައިގެން، އާރާއި ބާރު އިތުރުވި ނަމަވެސް އެކަލޭގެފާނުގެ ދުނިޔަވީ އެދުންތަކެއް އިތުރެއް ނުވިއެވެ. އޭގެ ބަދަލުގައި އިތުރުވީ ﷲ ގެ ކުރިފުޅުމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމުގެ ބިރުވެތިކަމެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْل))(އައްނިސާ، 58). "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރީންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށް ވެސް، އަމުރު ކުރައްވަތެވެ". އަދިވެސް އެ ކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ((وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ))(އަލްމާއިދާ، 8). "އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރި ވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ". މާތްﷲ ގެ މި އަމުރުފުޅުތައް ޢުމަރުގެފާނު ފުރިހަމައަށް ތަންފީޒު ކުރެއްވިއެވެ. އެގޮތުން، މުސްލިމަކާ ޔަހޫދީއަކާ ދެމެދު ޖެހުނު މައްސަލައެއްގައި ހަގީގަތަށް ބައްލަވައި ޔަހޫދީ މީހާއަށް ހައްގު ހޯއްދަވައިދެއްވި ހާދިސާ އިސްލާމީ ތާރީޚުގައި ފާހަގަ ކޮށްލެވެއެވެ. މިއީ އަހުރެމެންގެ މި ދިވެހި އިސްލާމީ މުޖުތަމަޢަށް ވަރަށް މުހިއްމު ފިލާވަޅެކެވެ. ޢަދުލުވެރިކަމަކީ ގާތްތިމާގެ ކަމާއި ރަޙުމަތްތެރިކަމަށް ނުވަތަ ސިޔާސީ ފިކުރަށް ބަލައިގެން ޤާއިމު ކުރާން ޖެހޭ ކަމެއްނޫނެވެ. ރޯދައިގެ މަޤްޞަދު ކަމުގައި ﷲ އަންގަވާފައިވާ "ތަޤުވާ" ވެރިވުމަކީ ރޯދައަށް ތިބުމާއި ނަމާދު ކުރުމާއި އަދި ޤުރުއާން ކިޔެވުން އެކަނި ކަމަށް މީހުންނަށް ހީވެއެވެ. އަދި އެ ކަންތައްތައް ކުރުމަށް ޓަކައި ރަމަޟާންމަހު ދިރިއުޅުމުގެ މަސައްކަތްތަކާ ދުރުހެލިވެ، ވަރަށް ގިނަ ހުސްވަގުތު ބޭނުން ކުރާން ޖެހޭނެ ކަމަށް ދެކެއެވެ. ނަމަވެސް މިއީ "ތަޤުވާ" ގެ ފުޅާ ޝާމިލު މާނައާ ފުށުއަރާ ހަނި ވިސްނުމެކެވެ. މުޅި ޙަޔާތަށް ދެމިގެންދާ ތަޤުވާވެރިކަމުގެ ފުރިހަމަ މިސާލުތައް ޢުމަރުގެފާނުގެ ޚިލާފަތުން އެ ހުރީ ފެންނާށެވެ. އިސްލާމްކަމުގެ ފަސް ރުކުނާ އެކު، އަމާނާތްތެރިކަމާއި، ތަޢާޠުފް އިސްކުރުމާއި، ޢަދުލުވެރިކަން ޤާއިމު ކުރުމުގެ ވާޖިބު ވެސް އެކަލޭގެފާނު އަދާކުރެއްވިއެވެ. އެހެންކަމުން، އަހުރެމެންގެ ޢަޤުދުތަކާއި، ކޯޓުތަކާއި، އިދާރާތަކުންނާއި، އަދި އުފުލާ ކޮންމެ މަސްއޫލިއްޔަތަކުން "ތަޤުވާ" ގެ އަސަރު ފެންނާން ޖެހޭނެއެވެ. ރޯދައިގެ ޙަޤީޤީ މަޤްޞަދު ފުރިހަމަ ވާނީ އަހުރެމެންގެ ޢަމަލީ ދިރިއުޅުމުން އެކަން ފެނިގެންނެވެ. ޢުމަރުގެފާނު އެވަނީ މިކަމުގެ ފުރިހަމަ ނަމޫނާ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ