މި އަހަރު އެޕަލްއިން އިސްކަންދޭނީ އަގުބޮޑު އައިފޯނުތަކަށް، އާދައިގެ މޮޑެލް ނެރުން ފަސްކޮށްފި

އެޕަލްގެ އާދައިގެ މޮޑެލްގެ ފޯނުތައް ނެރުން ފަސްކޮށް މި އަހަރު އެޕަލް އިން އިސްކަންދޭނީ އަގުބޮޑު އައިފޯނުތަކަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ނިކޭ އޭޝިއާ ނޫހުން ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރު އެޕަލް އިން ނެރުމަށް ހަމަޖެހިފައިވާ އައިފޯނުތަކުގެ ތެރެއިން އިސްކަންދޭނީ އެންމެ އަގުބޮޑު ތިން މޮޑެލްގެ އުފެއްދުންތެރިކަމަށެވެ. އަދި އެޕަލްގެ އާދައިގެ އައިފޯން 18 ބާޒާރަށް ނެރުން އެ ކުންފުނިން ވަނީ ފަސްކޮށްފައެވެ. އެޕަލްގެ އުފެއްދުންތަކަކީ ކޮންމެ ފަދަ ބަދަލެއް ގެނެޔަސް ކަސްޓަމަރުން ބަލައިގަންނަ އުފެއްދުންތަކެއް --- ފޮޓޯ: ފޯންއެރީނާ މި ބަދަލު ގެންނަން ނިންމީ މެމޮރީ ޗިޕްތަކުގެ އަގު އުފުލުމާއި، ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންނެވެ. އެޕަލްގެ އަމާޒަކީ މި ދަތިތަކާއެކުވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަގުބޮޑު ފޯނުތައް މެދުވެރިކޮށް ކުންފުނީގެ ފައިދާ އިތުރުކުރުމެވެ. އެ ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ފަހުބައިގައި އެޕަލް އިން ބާޒާރަށް ނެރުމަށް ތައްޔާރުވަނީ އެ ކުންފުނީގެ އެންމެ ފުރަތަމަ 'ފޯލްޑަބަލް' (ލައްޕާލެވޭ) އައިފޯނާއި، ކެމެރާ އަދި ސްކްރީންގެ ފެންވަރު ރަނގަޅުކޮށްފައިވާ އިތުރު ދެ ޕްރީމިއަމް މޮޑެލްއެކެވެ. ނަމަވެސް، އާންމުކޮށް ކޮންމެ އަހަރަކު ނެރޭ 'ސްޓޭންޑަޑް' ނުވަތަ އާދައިގެ މޮޑެލް (އައިފޯން 18) ދެން ބާޒާރަށް ނެރޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ އެޕަލްގެ މާކެޓިންގ އިސްތިރާޖަށް ގެނައި ބޮޑު ބަދަލެކެވެ. މިކަމާ ގުޅޭގޮތުން ސަޕްލައި ޗެއިންގެ އިސް ބޭފުޅަކު ވިދާޅުވީ، މި އަހަރުގެ އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތި ސަޕްލައިކުރުމުގައި ހުރި ދަތިތައް ކަމަށާއި، އެހެންކަމުން އެންމެ ފައިދާބޮޑު މޮޑެލްތަކަށް އިސްކަންދިނުމަކީ ކުންފުނީގެ ނިންމުމެއް ކަމަށެވެ. ޚަބަރުތައް ބުނާގޮތުން، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު އުފެއްދުމަކީ ސިނާއީ ގޮތުން އުނދަގޫ މަސައްކަތަކަށް ވުމާއެކު، އެ މަސައްކަތަށް ހުރިހާ ވަސީލަތްތަކެއް ހުސްކުރުމަކީވެސް މި ބަދަލުގެ އެއް ސަބަބެވެ. މި ހަފްތާގައި އެޕަލް އިން އާންމުކުރި މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އައިފޯނަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި، އެންމެ ފަހުން ނެރުނު ފޯނުތަކަށް އޮތް ތަރުހީބަކީ "އަންތަރީސްވާ ފަދަ" ބޮޑު ތަރުހީބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ