ވެރިންނަށް ތިބޭ މީހުންގެ ކާޓޫނު ކުރަހާނެ، އަބުރު ރައްކާތެރިކުރާނީ އަމިއްލައަށް: ޔާމީން ވެރިންނަށް ތިބޭ މީހުންގެ ކާޓޫނު ކުރަހާނެ، އަބުރު ރައްކާތެރިކުރާނީ އަމިއްލައަށް: ޔާމީން

ހުރިހާ ޑިމޮކްރެޓިކް ގައުމުތަކެއްގައި ވެސް ވެރިންނަށް ތިބޭ މީހުންގެ ކާޓޫން ކުރަހާނެ ކަމަށާއި ރައްކާތެރި ކުރަންޖެހޭނީ އެބޭފުޅަކު އަމިއްލައަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ވެރިންނަށް ތިބޭ މީހުންގެ އަބުރު އެހެން ބަޔަކު ރައްކާތެރިކޮށް ނުދޭނެ ކަމަށާއި ހުރިހާ ޑިމޮކްރެޓިކް ގައުމުތަކުގައި ވެރިންނަށް ތިބޭ މީހުން ކުރަހައި ޒާތްޒާތުގެ ވާހަކަ ވެސް ދައްކާ ކަމަށެވެ.
"އެކަމަކު އަބުރު ސަލާމަތްކޮށްފައި އޮންނައިރު ޕަބްލިކް އޮފީސް ހޯލްޑްކުރާ މީހަކު އަބުރަށް ރައްކާތެރިވުމަކީ އެމީހުން ކުރަން ޖެހޭ ކަމެއް. އެހެން މީހުނެއް ނޫން އެ އަބުރު ރައްކާތެރިކޮށްދޭނީކީ. އެހެންވީމަ ހުރިހާ ޑިމޮކްރެޓިކް ގައުމުތަކުގައި އަދި އެއިން ހުރިހާ ތަނެއްގައިވެސް ވެރިންނަށް ތިބޭ މީހުން ކުރަހާނެ. ޒާތްޒާތުގެ ވާހަކަ ދައްކާނެ،" ޔާމީން ވިދާޅުވި އެވެ.
ކާޓޫނު ކުރަހާ ވާހަކަ ޔާމީން ދައްކަވާފައި މި ވަނީ އަދަދު އިން ގެނެސްދިން ކާޓޫނެއް އިސްލާމް ދީނާ ހިލާފު ކަމަށް ބެލެވޭ ކަމަށް ބުނެ އެ ކާޓޫނު ނަގަން މީޑިއާ ކޮމިޝަނުން އަންގާފައި އޮއްވަ އެވެ. ސަރުކާރުން ބުނަނީ އެ ކާޓޫނު އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ކަމަށެވެ.
"އިހަށްދުވަހު އެ ފެނުނީ ސޯޝަލް މީޑިއާގައި ކާޓޫނެއް. ނަމާދުގައި އުޅޭ މީހެއްގެ ޖީބުގައި އޮތް ޑޮލަރު ބޮނޑިއެއް ކަންނޭނގޭ ކޮންމެވެސް އެއްޗެއް ނަގަނިކޮށް ދެއްތޯ. ފޭރިގެން. ފައިސާ ނަގާތަން ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
"ދެންހަމަ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މި ވިދާޅުވަނީ މިކަހަލަ ކަންތައް ކުރަންވާނީ އިސްލާމް ދީނުގައި މިކަންކަމަށް އޮންނަ ހުދޫދުގެ ތެރޭގައޭ. ދެން އަޅުގަނޑުމެންނަށް މިއުޅެނީ އެބޭފުޅުން އަޔަތާއި ހަދީސާއި ވިދާޅުނުވާތީ އެ ހުދޫދު ނޭނގިގެން."
ޔާމީން ވިދާޅުވީ މުހައްމަދު މުއިއްޒުގެ އަރިހުގައި އުޅޭ އެންމެން ބޮޑެތި ކޮރަޕްޝަންތައް ހިންގާއިރު، މުއިއްޒު އެކަމަށް އަޅާނުލައްވާ ކަމަށެވެ.
އަދަދު ނޫހުން މިދިޔަ މަހު ގެނައި ސިޔާސީ ކާޓޫނުގެ ވޮލިއުމް 22 ނަގައި، އެ ސެގްމަންޓް ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ވަނީ ތަކުރާރުކޮށް އެ ނޫހަށް އަންގާފަ އެވެ. ނަމަވެސް އެ ކާޓޫނު އަދަދު ނޫހުން ނަގާފައިނުވާއިރު، ސެގްމަންޓުވެސް ހުއްޓާލާފައެއް ނުވެ އެވެ.
މީގެއިތުރުން އެ ކާޓޫނު އެއްވެސް ނޫހެއްގައި ދައުރު ނުކުރުމަށް ވެސް ކޮމިޝަނުން ވަނީ އަންގާ އިއުލާންކޮށްފަ އެވެ.
އަދަދު އިން ގެނެސްދިން ސިޔާސީ ކާޓޫނުގެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން އެދިފައިވެ އެވެ.
އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް އަމުރު ފޯރުވުމުގެ ބާރު ކޮމިޝަނަށް ނުލިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާ އާއި ނޫސްވެރިން އެއިރު ވެސް ބުނަމުންދިޔައީ ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް ވެސް ކޮމިޝަނަށް ބާރު ފޯރުވޭނެ ކަމަށެވެ.
މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.
މި މައްސަލައިގައި އަދަދު ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަންގެ ނިންމުން ބާތިލުކުރަން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ