މަރުގެ އަދަބު ދޭ، ކެނެބިސް ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ޒުވާނެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއްގެ މައްޗަށް, މަރުގެ އަދަބު ލިބޭ ކަމެއް ކަމަށްވާ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރުމަށް ފުލުހުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ޒެނިތު، ޙުސައިން ވިސާމްގެ މައްޗަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައަކީ މިދިޔަ ނޮވެންބަރު 23 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް ތަހުގީގު ފެށި މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގަށް ވިސާމް ދިރިއުޅޭ ގެޔާއި އޭނާ ގެންގުޅޭ ކާރު ފުލުހުން ބަލާފާސްކުރި އިރު، އެ ތަންތަނުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން، މަސްތުވާތަކެތީގެ ގާނޫނުގައި މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބަލާ މިންގަނޑަށް ފެތޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، ވިސާމްގެ ބަންދުގެ މުއްދަތު ހަމަވާތީ ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައިވެއެވެ. ނަމަވެސް، އެ ކޯޓުގެ ނިންމުމަކީ ރާއްޖޭގެ ގާނޫނުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފު ނިންމުމެއް ކަމަށް ބެލެވޭތީ، އެ އަމުރު އިސްތިއުނާފް ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހުގައި އެދުނެވެ. ހައިކޯޓުގައި ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ ލ. ގަން މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލްކޮށްފައެވެ. އެއާއެކު، އަލުން ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ޙުސައިން ވިސާމްގެ މައްޗަށް ދައުވާކުރުމަށް ޓަކައި މިދިޔަ ޑިސެމްބަރު 25ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ