ވެމްކޯ މުވައްޒަފުގެ މަރު: ތުހުމަތު ކުރަނީ ގަސްދަކާ ނުލައި މީހަކު މެރިކަމަށް
ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނު 24 އަހަރުގެ ބިދޭސީއެއްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ސްރީލަންކާގެ މީހާއަށް ގަސްދަކާ ނުލައި މީހަކު މެރިކަމަށް ތުހުމަތު ކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ތިލަފުށިން, މި ނިމުނު ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ޖެނުއަރީ 28ވަނަ ފުލުހުން ވަނީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ބުނެފައެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, އުމުރުން 24 އަހަރުގެ އަމީން މިއާއެވެ. https://www.sun.mv/217420 މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ, ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ, ކިޔާ ސްރީލަންކާއަށް ނިއްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރި ކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ އެ ލަންކާ މީހާ ދުއްވި އެކްސްކަވޭޓަރަކުން ޖެހި މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ އެކްސްކަވޭޓަރު އޮޕަރޭޓް ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. މި މައްސަލައިގެ އިތުރު ތަފްސީލް "ސަން"އާ ހިއްސާކުރަމުން ފުލުހުން އިއްޔެ ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަމީންމިއާގެ މަރާ ގުޅުވާ އެކި ވާހަކަ ދެކެވެމުން އަންނައިރު، ރަސްމީކޮށް ފުލުހުން އެ ވާހަކަތައް ކަށަވަރު ނުކޮށްދެއެވެ. މި މަރާއެކު ބިދޭސީ މަސައްކަތްތެރިންނާއި، ލޭބަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ މުހިންމުކަމުގެ ބަހުސް ވެސް އަންނަނީ ކުރެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ