މޮރޮކޯގައި މިހާރު ކުރިއަށްދާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ވާދަކޮށް ރާއްޖޭގެ ހުނަރުވެރި ބޮޑީބޯޑަރު، އިޔަން އަހުމަދު ރަނގަޅު ތަޖުރިބާއެއް ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަން، އިޔަން ވަނީ ޖޫނިއާ ބައިގެ ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ.
ގައުމީ ޓީމެއްގެ ގޮތުގައި، ބޮޑީބޯޑިން ޓީމުން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި، ވާދަކުރުމުގެ ފުރުސަތު މޮރޮކޯ މުބާރާތުގައި ލިބިފައިވާއިރު، މިއީ ރާއްޖޭގެ ބޮޑީބޯޑިން އަށް މުހިންމު ފިޔަވަޅެކެވެ. އޭގެ ތެރެއިން، ޖޫނިއާ އިވެންޓް، ރައިސިން ސީރީސްގައި އިޔަން ވާދަކޮށް ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދައިފަ އެވެ.
އެ ގޮތުން، އެއް ވަނަ ބުރުގެ ހީޓު 8ގައި ވާދަކޮށް އިޔަން ވަނީ ދެ ވަނަ އަށް ގޮސްފަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ޔޯހަން ބަޗެލާޑަށް 9.75 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އިޔަން އަށް ވަނީ 5.45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ މޮރޮކޯގެ ހާޖީ ޔާސީން އަށް 3.25 ޕޮއިންޓް އަދި ފުލުން ނިންމި، ނާނީ އާދަމް އަށް ލިބުނީ 1 ޕޮއިންޓެވެ.
ދެ ވަނަ ބުރުގައި އިޔަން ދިޔައީ ވާދަކުރި ހީޓުގެ ތިން ވަނަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ލޫކާ ޒަނިނޮއްޓޯ އަށް 15.65 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އެމެރިކާގެ ޑޭވީ އެންޑަސަން އަށް ވަނީ 10.35 ޕޮއިންޓް ލިބިފަ އެވެ. އިޔަން ވަނީ ފުރަތަމަ ބުރަށް ވުރެން ދެ ވަަނަ ބުރުގައި ސްކޯ ރަނގަޅުކޮށް 8.15 ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު، މި ހީޓުގެ ވާދަވެރިކަން އޮތްގޮތުން ކުރިއަށްދެވޭ ގޮތެއްނުވި އެވެ. މި ހީޓުގެ ފުލަށް ދިޔަ ފްރާންސްގެ ކްރިސް މައެލަން ވެސް ވަނީ 8 ޕޮއިންޓް ހޯދައިފަ އެވެ.
ޖޫނިއާސްގެ ފައިނަލް ހީޓު ކާމިޔާބުކުރީ މޮރޮކޯގެ ލޫޝިއާނޯ ކަަމްޕޯސް އެވެ. ފައިނަލް ހީޓުގައި އޭނާ ވަނީީ 11.15 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ މެކްސިކޯގެ އިލާން ޝޮއާޑް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.
މޮރޮކޯ މުބާރާތުގެ ސީނިއާ ކެޓަގަރީ، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ސީނިއާ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަދި، އަޝްރަފް ހަސަން އެވެ. މި އިވެންޓްގައި ވާދަކުރަން އެންޓްރީ ހެދި މުހައްމަދު ކައިފް އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނެވެ. ކައިފްގެ އަތަށް އަނިޔާވީ މާލޭގައި، ޕޫލުގައި ކުރިއަށްދިޔަ އެންޑިއުރަންސް ސެޝަނެއްގެ ތެރެއިންނެވެ.
މޮރޮކޯ މުބާރާތުގައި އިޔަން އަށް ރަނގަޅު ތަޖުރިބާއެއް މޮރޮކޯ މުބާރާތުގައި އިޔަން އަށް ރަނގަޅު ތަޖުރިބާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ