އިސްރާއީލްގެ ހާރިޖިއްޔާއިން މުސްލިމުންނާއި ދުނިޔޭގެ ރުހުން ހޯދުމަށް ހާރިޖިއްޔާގެ ފޭސްބުކްގައި ކުރި ޕޯސްޓަކަށް ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޔަހޫދީ ހާރިޖިއްޔާއިން ޕޯސްޓްކޮށްފައިވަނީ އެންމެފަހުން އިސްރާއީލް ޕްރިމިއާ ލީގްގައި މެކަބީ ހައިފާ އާއި ހަޕޯއެލް ބައްދަލުކުރި މެޗްގެ ތެރެއިން ކުޅުންތެރިން ރޯދަ ވީއްލަން ތިބި ފޮޓޯއެކެވެ. އޭރު ރޯދަ ވީއްލުމަށް މެޗް ވަނީ މެދުކަނޑާލާފައެވެ. މި ފޮޓޯ އާއެކު ކުރި ޕޯސްޓްގައި އިސްރައީލްގެ ހާރިޖިއްޔާއިން ދޭހަކޮށްދީފައިވަނީ އެޤައުމުން މުސްލިމުންނަށްވެސް އިހްތިރާމް ކުރާކަމަށެވެ. އަދި މިއީ އިސްރާއީލްގެ ފުޓްބޯޅައިން ދައްކުވައިދޭ ހަޤީގީ މަންޒަރުކަމަށްވެސް ވަނީ ބުނެފައެވެ.
މި ފޮޓޯއަށް ރިއެކްޓްކުރި ގިނަ ފަރާތްތަކަކުން ވަނީ ހާރިޖިއްޔާގެ މި ޕޯސްޓަށް ވަރަށްބޮޑަށް މަލާމާތްކޮށް ފާޑުކިޔާފައެވެ. އެގޮތުން މިއީ އިސްރާއީލްގެ ހެޔޮކަމަކުން ކުރާ ކަމެއް ނޫންކަމަށާއި، މިއީ ފީފާގެ އުސޫލްތަކުގެ ތެރެއިން ހިމެނިގެން ކުރުން ލާޒިމްކޮށްފަ އޮންނަ ކަމެއްކަމަށް ވަނީ ބުނެފައެވެ.
އަނެއްބަޔަކު ބުނެފައިވަނީ، އިސްރާއީލުން ކެމެރާގެ ކުރިމަތީގައި ކުރާ ކަންކަމާއި ހަތިޔާރުތައް ބޭނުންކޮށްގެން ކުރާ ކަންކަން މާބޮޑަށްވެސް ތަފާތުކަމަށެވެ. އަދި ހުރިހާ މާނައެއްގައިވެސް ފުޓްބޯޅައަކީ ސުލްހަ ކަމަށާއި އެއަށް އިސްރާއީލް ފިޓް ނުވާކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމަންޓްކުރި ބައެއް މީހުން ވަނީ ޣައްޒާގެ ރައްޔިތުންވެސް އަމާންކަމާއެކު ރޯދަ ވިއްލުމަށް ވަގުތުކޮޅެއް ބޭނުންވާކަމަށާއި، އެ ފުރުސަތު ލިބިދާނެތޯ ސުވާލުކޮށްފައެވެ. އަދި ކިތަންމެވަރަކަށް ކުރި ކަންކަން ފޮރުވަން މަސައްކަތްކުރިނަމަވެސް ޖެހިފައިވާ ލައްތައް ނުފިލާނޭކަމަށްވެސް ވަނީ ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން އުދުއާންތަކުގައި ކުޅިވަރު ދަނޑުތަކާއި، އަދި ބައެއް ކުޅުންތެރިންވެސް ޝަހީދުވެފައިވާއިރު، ޣައްޒާގެ މުޅި ކުޅިވަރު އިންފްރާސްޓަކްޗާ ވަނީ ފުނޑާލާފައެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ކުޅިވަރުގެ އެކި ފަރާތްތަކަކުން ވަނީ އިސްރާއީލްގެ އެ އަމަލުތައް ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ.
ރުހުން ހޯދުމަށް އިސްރާއީލްގެ ހާރިޖިއްޔާއިން ޕޯސްޓްކުރި ފޮޓޯއަކުން މަލާމާތާއި ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ