ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ކެމްޕެއިންކުރީ ޑީއާރްޕީން މާލީ، އަދި އެހެން ވެސް އެހީތެރިކަމެއް ވެދެއްވައިގެން ނޫން: މައުމޫން

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއިދުހޯއްދެވުމުގެ ގޮތުން އަތޮޅުތަކަށް ދަތުރު ކުރެއްވީ، ޑީއާރްޕީން "އެއްވެސް މާލީ އަދި އެހެންވެސް އެހީތެރިކަމެއް ދެއްވައިގެން ނޫން" ކަމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޒައީމް މައުމޫން މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ރޭ އަލިވާގޭގައި، އެ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ހަފްލާގައި ޒައީމް ދެއްކެވި ވާހަކަފުޅުތައް ހާމަކުރައްވައި ޑީއާރުޕީގެ ޒައީމްގެ މޭޒުން މިއަދު ނެރެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބިފައި ވަނީ ޒައީމް މައުމޫން ދަތުރު ކުރެއްވި ރަށްތަކުން ކަމަށެވެ.
.."ކެމްޕެއިންގައި އެމަނިކުފާނަށް ވަޑައިގެންނެވުނު އަތޮޅުތަކާއި ރަށްތަކުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި، މިކަމުން ދޭހަވަނީ އެމަނިކުފާނާ މެދު ޕާޓީންގެ މެންބަރުންގެ ހިތްތަކުގައި އޮތް މަގާމުކަން ފާހަގަކުރައްވަމުން، މިކަމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހާއްސަ އުފަލެއްކަން ޒައީމް ވަނީ ހާމަކުރައްވާފަ އެވެ."
ޑީއާރުޕީގެ ކެންޑިޑޭޓުނަށް ތާއިދު ހޯއްދެވުމުގެ ގޮތުން އަތޮޅުތަކަށް ޒައީމް މައުމޫން ދަތުރު ކުރެއްވީ ޑީއާރުޕީން "އެއްވެސް މާލީ އަދި އެހެންވެސް އެހީތެރިކަމެއް ދެއްވައިގެން ނޫންކަމާއި މިދަތުރުފުޅުތަކަށް މިހާ ފުރިހަމަ ގޮތެއްގައި ހަމަޖެއްސެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީފުޅާ އެކަގައި ކަމަށް" މައުމޫން ވިދާޅުވެފައިވާ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ރޭ އަލިވާގޭގައި ބޭއްވި ހަފްލާގައި ޑީއާރުޕީގެ އިސްބޭފުޅުންނާއި އެ ޕާޓިގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން ކުރީގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އިރު، އެ ޕާޓީއަށް އެއްބާރުލުން ދެއްވާ 120 ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ