0-2 ގެ ނަތީޖާއަކުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާ ޗެލްސީ އަލުން ލީގު ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.
މި ނަތީޖާއާއެކު އަދިވެސް ލީގުގެ އެއްވަނައިގައި 80 ޕޮއިންޓާއެކީ އޮތީ ލިވަޕޫލް އެވެ. މި މެޗުން މޮޅުވި ޗެލްސީ އޮތީ 78 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގަ އެވެ. މި ދެ ޓީމަށްވުރެ 2 މެޗު މަދުން ކުޅެގެން 74 ޕޮއިންޓާއެކީ އޮތީ މެންޗެސްޓަރ ސިޓީ އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ޗެލްސީން ޖެހީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގަ އެވެ. ލިވަޕޫލްގެ ކެޕްޓަން ސްޓީވެން ޖެރާޑް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލް ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑެމްބަ ބާ އެވެ.
މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލް އިން ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ. ނަމަވެސް މި ހަމަލާތަށް ދިފާއުކުރުމުގައި ޗެލްސީގެ ޑިފެންސްލައިންގަ ތިބި ކުޅުންތެރިންގެ އިތުރުން އެޓީމުގެ ކީޕަރު މާކް ޝްވާޒާ ގެ ހުޝިއާރުކަން ވަނީ ފެނިގެންގޮސްފަ އެވެ.
ލިވަޕޫލްގެ ސަޕޯޓަރުން ރޮއްވާލާ ޗެލްސީގެ ދެވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޓޮރޭސް ދިން ޕާހަކުން މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ މިޑްފިލްޑަރ ވިލިއަން އެވެ.
ލިވަޕޫލްގެ މި ބައްޔާއެކު 24 އަހަރަށްފަހު ލީގު ހޯދުމަށް އެޓީމް ކުރަމުންދާ މަސައްކަތަށް ވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިވެފަ އެވެ. މީގެ އިތުރުން ޗެލްސީ އަތުން މިރޭ މިވީ ބައްޔާއެކު ލީގުގައި އެޓީމު ބަލިނުވެ ހިފަހައްޓަމުން އައި ރިކޯޑު ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ. އެޓީމް ވަނީ ލީގުގައި ބަލިނުވެ ޖެހިޖެހިގެން 11 މެޗު ހަމަކޮށްފަ އެވެ.
ލިވަޕޫލްގެ މައްޗަށް ކުރި ހޯދާ ޗެލްސީ އަލުން ލީގު ހޯދުމުގެ ރޭހުގެ ތެރެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ