ފަނޑިޔާރުންނާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ސުޕްރީމް ކޯޓުން އިސްނަގައިގެން ބެލޭ ގޮތައް ސުޕްރީމް ކޯޓުން ޤަވައިދެއް ހަދާ އާންމު ކޮށްފިއެވެ.
ސުޕްރީމް ކޯޓުން އާންމު ކުރި "ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވައިދު" ގައި ވާގޮތުން ކޯޓުން ބޭރުގައި ހިންގާ، ކޯޓު ހުރުމަތް ކެނޑުމުގެ އަމަލުތަކުގައި އަދަބު ކަނޑައެޅޭނީ ދައުލަތުން އެ މީހަކަށް ދައުވާ ކުރުމުން ނުވަތަ ހުރުމަތް ކެނޑުމުގެ އަމަލު ރައްދުވާ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ނަމަވެސް ކޯޓެއް ނުވަތަ ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ސުޕްރީމް ކޯޓުން އިސް ނަގައިގެން ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ވެއެވެ.
އަދި ކޯޓުގެ ނުވަތަ ފަނޑިޔާރެއްގެ ހުރުމަތް ކެނޑި މައްސަލައެއް ދަށު ކޯޓުން ބަލަމުން އަންނައިރު ވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ނެރެންޖެހޭ އަމުރުތައް ނެރުމަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް ވެސް ސުޕްރީމް ކޯޓުން އެކުލަވާލި ޤަވައިދުގައި ބުނެފައި ވެއެވެ.
ޤަވައިދުގައި ބުނެފައި ވަނީ މިޤަވައިދަކީ ކޯޓުތަކާއި އަދި ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތް ތަކާއި ބެހޭގޮތުން ކޯޓުގެ އެތެރޭގައި ނުވަތަ ކޯޓުން ބޭރުގައި ބުނާ ބުނުމަކުން ނުވަތަ ކުރާއަމަލަކުން ނުވަތަ ލިޔާލިޔުމަކުން ފަދަ ކަމަކުން ވިޔަސް ކޯޓުގެ ޙުރުމަތް ކަނޑާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުޞޫލުތަކާއި އަދި ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތަކާއި ބެގޭ ގޮތުންނާއި ކޯޓުތަކުން ނިންމާ ނިންމުން ތަކާއި ބެހޭ ގޮތުން ކޯޓާއި ކޯޓުން ބޭރުގައި ޚިޔާލު ފާޅުކުރެވޭނެ މިންގަޑު ކަނޑައަޅާ ޤަވައިދެއް ކަމަށެވެ.
މިޤަވައިދުގެ މަޤުޞަދަކީ އަދުލު އިންސާފު ގާއިމު ކޮށްދިނުމުގައި ޝަރީއަތައް އެޅޭ ހުރަސްތައް ނައްތާލައި ކޯޓުތަކުގެ ޤަދަރާއި ހުރުމަތް ހިފެހެއްޓުން ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.
ޤަވައިދު ބުނާ ގޮތުން ޝަރީއަތެއް ހިނގަމުން ދަނިކޮށް، ހުއްދަ ނެތި އެތަނުން ނިކުމެ ނުވަތަ އެތަނުގެ ނިޒާމާ ޚިލާފްވެއްޖެ ނަމަ ނުވަތަ ޝަރީއަތުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ އެކަމުގެ އަދަބެއްގެ ގޮތުން 1000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމަށް ވަގުތުން އަދަބު ކަނޑައެޅޭނެއެވެ.
ކޯޓަށް ހާޒިރުވި މީހަކު ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ މުވައްޒަފަކަށް ނުވަތަ އެތަނުގެ މުދަލަށް އިހާނާތްތެރި އަމަލެއް ހިންގައިފިނަމަ ވެސް ޤާނޫނުލް އުގޫބާތުގެ 85 ވަނަ މާއްދާ ނުވަތަ 87 ވަނަ މާއްދާ ނުވަތަ 88 ވަނަ މާއްދާގެ ދަށުން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެން ވެއެވެ.
ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ދިޔަ ނުދީ ނުވަތަ ޝަރީއަތުގެ މަޖިލީހަށް އުނދަގޫވާ ފަދަ އަމަލެއް ހިންގައިފި ނަމަ ގާނޫނުލް އުގޫބާތުގެ 85 ވަނަ މާއްދާގެ ހ. ދަށުން އެ މީހަކަށް އަދަބު ދެވޭނެ ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.
ވަކީލަކު ވަކާލާތު ކުރުމުގައި ނުވަތަ ބަދަލުގައި ޝަރީއަތަށް ހާޒިރުވެ ޝަރީއަތުގެ މަޖިލީހުގެ ހުރުމަތް ކަނޑާލައިފި ނަމަ އަދަބު ދިނުމުގެ އިތުރުން، އެ ކޯޓެއްގައި އެ ވަކީލަކަށް ތިން މަހާއި ހަ މަހާއި ދެމެދުގެ މުއްދަތަކަށް ވަކާލާތު ނުކުރެވޭ ގޮތަށް ހެދުމުގެ ބާރު ވެސް އާޤަވައިދާއި އެކު ވަނީ ކޯޓަށް ލިބިފައެވެ.
ފަނޑިޔާރުންގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ