ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އަންގައިދޭ ފުރިހަމަ ބަޔާނެއް: ގާސިމް

ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތާއި ގުޅޭ ވަރަށް ފުރިހަމަ ބަޔާނެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރައްވާ އެހެން ބައެއް މެމްބަރުންވެސް ވަނީ ރައީސްގެ ރިޔާސީ ބަޔާނަކީ އުއްމީދީ ބަޔާނެއް ކަމުގައި ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތާއި އަދި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސް ޔާމީން ދެއްވެވި ބަޔާނަކީ "ކުރުކޮށް ފޮނިކޮށް ފުރިހަމައަށް ދެއްވެވި ބަޔާނެއް" ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރިޔާސީ ބަޔާނެއްގައި ނަަމަވެސް ހުރިހާ ތަފްސީލެއް ނުދެއްވޭނެ. އެހެން ނަމަވެސް އެބަޔާނުގައި ޖުމުލަ ގޮތެއްގައި ހުރިހާ ދާއިރާއަކަށްވެސް އަލިއަޅުއްވާލައްވާފައިވަނީ ފުރިހަމަކޮށް،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް ޔާމީން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލަތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވާ ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހާއްސަ ގޮތެއްގައި ނިހާން ފާހަގަކުރެއްވި އެވެ.
"ރިޔާސީ ބަޔާނުގައި ރައީސުލްޖުމުހޫރިއްޔާ ފާހަގަކުރެއްވި ކަންކަން ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ޕީޕީއެމްއިން ހާއްސަ މަސައްކަތްތަކެއް ކުރާނެ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބުދުﷲ ވިދާޅުވީ ރައީސް ޔާމީނުގެ ރިޔާސީ ބަޔާނުން ރައްޔިތުންނަށް އުއްމީދުތަކެއް އާވެގެން ހިނގައްޖެ ކަމަށެވެ. މިގޮތުން ރާއްޖޭގައި މިއަދު ހުރި ބޮޑެތި މައްސަލަތައް ހައްްލު ކުރެވި މިއަހަރަކީ އުފާ ފާގަތި އަހަރަކަށް ވެގެން ދާނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ އަދުލްއިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަކީ ވަރަށް މުހިއްމު ކަންކަން ކަމުގައި ވިދާޅުވެފަ އެވެ.
އަނާރާ ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް ޔާމީނު ފާހަގަކުރެއްވި ކަންކަން ހާސިލްކުރެވިގެން ދާނެކަމުގައި އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ނިންމުމާއި އެކު އެމްޑީޕީން ވަނީ އެޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. އެހެންކަމުން މިޖަލްސާއަށް އެމްޑީޕީގެ މެމްބަރުން ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމިން މިއަދު އިއްވެވީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ