ނަޝީދު ގޮތް ދޫކުރައްވާ ސުޕްރީމް ކޯޓަށް ދިއުމަށް ނިންމަވައިިފި

ޓެކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްްވާފައިވާ ހުކުމް އިސްތިއުނާފް ނުކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ރައީސް ނަޝީދު ނިންމަވައިފި އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.
ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އިއްވާފައިވާ ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނަޝީދު ނިންމަވާފައިވާއިރު ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް މިހާރު ވަނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ބަދަލުގައި ބޭނުމީ ސިޔާސީ ހައްލެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ރައީސް ނަޝީދުގެ މައްސަލާގައި އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ހުސައިން ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވާތީ ދިވެހިރާއްޖެއަށް ފިއްތުއްތަކެއް ކުރިމަތިވެ ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެހެންކަމުން ރައީސް ޔާމިން ވެސް ކުރިން އެދިވަޑައިގެންފައިވާ ގޮތަށް ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްޓަކައި ގޮތް ދޫކުރެއްވުމަށްފަހު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
ނޫސްވރިންގެ މިބައްދަލުވުމުގައި ކުރީގެ ސޮލިސިޓާ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ނުކުރީ ކްރިމިނަލް ކޯޓުން ނަޝީދުގެ މައްސަލަ ނިންމި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ދެ ބޭފުޅުން ފަހުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުންނާއި ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ހައިކޯޓުން މީގެ ކުރިން ބައެއް ކަންކަން ނިންމާފައިވާތީ ކަމަށެވެ.
އދ.ގެ ވޯކިން ގުރޫޕުން ރައީސް ނަޝީދު މިނިވަންކުރަން ގޮވާލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރިފްއަތު ވިދާޅުވީ ސުޕްެރީމް ކޯޓަކީ ގާނޫނީ ގޮތުން ހާއްސަ ބާރުތަކެއް ލިބިފައިވާ ކޯޓަކަށް ވާތީ ވޯކިން ގުރޫޕްގެ ނިންމުމާއި މެދުވެސް ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނެވުމަށްފަހު ނަޝީދުގެ ނިންމުން ބަދަލުކުރައްވާފައިވާތީ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލައާއި ގުޅިގެން ނަޝީދާ ބައްދަލުކުރަން ވަކީލުންނަށް އެކަށީގެންވާ ވަގުތު ކަމާއި ގުޅުންހުރި މުއައްސަސާތަކުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ވިޔަސް މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުން ރައީސް ނަޝީދަށް އެންމެ ބޮޑު ވެގެންވެސް އަންނާނީ ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެހެންކަމުން އާ ގާނޫނުލްއުގޫބާތުގައިވާ ގޮތަށް ނަޝީދުގެ ހުކުމަށް ލުއި ލިބިގެންދާންޖެހޭނެ ކަމުގައިވެސް މަހްފޫޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ