ޓީޗަރެއްގެ ސްކޫލް އެކްޓިވިޓީއަށް ގިނަ ބައެއްގެ ސަމާލުކަން

އޮކްލަހޯމާގެ ސެކަންޑަރީ ސްކޫލެއްގެ ޓީޗަރަކު ކުދިންނާ ހަވާލުކުރި އެކްޓިވިޓީ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. ކަރެން ވޮންޑޯލިޗް އޭނާގެ ފޭސްބުކް ޕޭޖްގައި މި ވާހަކަ ހިއްސާ ކުރުމާއެކު އެތައް ހާސް ބަޔަކު މިވާހަކައާ ހިތްހަމަޖެހޭ ކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް މިކަމާ ބައެއް މީހުން ވަރަށް ނުރުހިގެން ވެސް އުޅުނެވެ.
ކަރެން ބުނި ގޮތުގައި ގްރޭޑް 7 އަދި 8 ގައި ކިޔަވާ އޭނާގެ ދަރިވަރުންނަށް މި އެކްޓިވިޓީ ދިނީ ސްކޫލް ޗުއްޓީއަކަށް ފަހު އެނބުރި ކުލާހަށް ދިޔަ ފުރަތަމަ ދުވަހު އެވެ. ކުދިން ޗުއްޓީގައި ތިބިއިރު އެކުދިންނަށް ތަފާތު ވަރަށް ގިނަ ކަންތައްތައް ތަޖުރިބާ ކުރެވިފައިވާނެ ކަމާއި އޭގެ ތެރޭގައި ވަރަށް ހިތްހަމަނުޖެހޭ ތަޖުރިބާތައް ވެސް ހުންނާނެ ކަމަށް ކަރެން ގަބޫލު ކުރެ އެވެ.
އެހެންވެ ކަރެން ކުދިންނާ ހަވާލުކުރީ "އެމޯޝަނަލް ބެގޭޖް" ކިޔާ އެކްޓިވިޓީ އެކެވެ. މިއީ ކުދިންގެ ހިތުގައިވާ އުދާސްތައް ނެރެލަން އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ކަރެން އަށް ފެންނަ ގޮތަށް ތައްޔާރު ކޮށްފައިވާ އެކްޓިވިޓީ އެކެވެ. މި އެކްޓިވިޓީގެ ސަބަބުން ކްލާސް ހުރިހާ ކުދިން ވެސް ފެންކަޅިވި އެވެ.
ކަރެންގެ މި އެކްޓިވިޓީގައި ކުލާހުގެ ކޮންމެ ކުއްޖަކަށް ވެސް ދެނީ ހުސް ކަރުދާސް ކޮޅެކެވެ. ލިޔުނީ ކާކުކަން ނޭނގޭ ގޮތަށް ކޮންމެ ކުއްޖަކުވެސް ކަރުދާސްކޮޅުގައި ލިޔަން ޖެހެނީ އެ ކުއްޖެއްގެ ހިތުގައިވާ ޖަޒުބާތު ތަކެވެ. އޭނާ އަށް ތަޖުރިބާ ކުރެވެމުންދާ ހިތްހަމަ ނުޖެހޭ ކަންތައްތަކެވެ.
ކަރުދާސްކޮޅުގައި ލިޔުމަށްފަހު ޖެހެނީ ބޮނޑިކޮށްލާފައި ކުލާސްތެރެއަށް އެއްލާލާށެވެ. ދެން ފަހަރަކު ކުއްޖަކު ގޮސް އެތަނުން ކަރުދާސްކޮޅެއް ހޮވައިގެން އޭގައިވާ އެއްޗެއް ހުރިހާ ކުދިންނަށް އަޑު އިވޭވަރަށް ކިޔަންޖެހެ އެވެ. ކިޔާ ނިމުމުން އެއީ ކޮން ކުއްޖަކު ލިޔުނު އެއްޗެއްތޯ ބުނަން ބޭނުންތޯ ކަރެން ސުވާލު ކުރެ އެވެ. ބައެއް ކުދިން އެ ކުއްޖަކު ލިޔުނު އެއްޗެއް ކަމަށް ނުހަދާ ތިބިއިރު ގިނަ ކުދިން އަމިއްލައަށް އެއީ އެ ކުއްޖަކު ލިޔުނު އެއްޗެއް ކަމަށް ބުނެފައި ވެއެވެ.
މި ކަރުދާސްކޮޅުތަކުގައި ކުދިން ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު މައިންބަފައިން ވަރިވާތީ ދެރަވެގެން އުޅޭ ކުދިންނާއި އޮޅުކޮށްގެން ގެންގުޅުނު ޖަނަވާރު މަރުވެގެން ހިތާމަކުރާ ކުދިން އަދި ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވި ހިތްދަތިވެގެން އަމިއްލައަށް މަރުވާން ވިސްނާ ކުދިން ވެސް ތިބި ކަމަށް ކަރެން އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ނޯޓުގައި ބުނެފައި ވެއެވެ.
ކަރުދާސްކޮޅުގައި ލިޔުނު ކުއްޖާ އެއްބަސް ވެއްޖެނަމަ އޭނާގެ ވާހަކަ މުޅި ކުލާހަށް ކިޔައިދިނުމުގެ ފުރުސަތު ވެސް ލިބެ އެވެ.
ކަރެން ބުނި ގޮތުގައި މިއީ ވަރަށް ނަފްސާނީ ގޮތުން އުނދަގޫވާ ކަހަލަ އެކްޓިވިޓީ އެއް ނަމަވެސް މީގެ ސަބަބުން ކުދިން އެއް ކުއްޖަކު އަނެއްކުއްޖަކާ ދޭތެރޭ ދެކޭ ގޮތް ކުޑަކޮށް ނަމަވެސް ބަދަލުވެ، ކުދިން ދެކެ ލޯބިވާ މިންވަރު އިތުރުވެ، ކުދިންނަށް ކުރެވޭ ކުށްތަކަށް ތަންކޮޅެއް އަވަހަށް މައާފު ދެވޭނެ ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ.
މި އެކްޓިވިޓީއަށް ފަހު ހުރިހާ ކަރުދާސްތައް ކޮތަޅަކަށް އަޅާފައި ކުލާހުގެ ތަނެއްގައި އަޅުވާފައި ބެހެއްޓި އެވެ. ކަރެން ބުނި ގޮތަށް އެގޮތަށް ކޮތަޅު ކުލާހުގައި ފެންނަ ގޮތަށް ބެހެއްޓީ ދަތި އުނދަގޫތައް ތަހައްމަލު ކުރަނީ ހަމައެކަނި އެ ކުއްޖަކު ނޫންކަމާއި އެހެން ގިނަ ކުދިންނަކީ ވެސް އެފަދަ މައްސަލަތަކާ ކުރިމަތިވެފައިވާ ކުދިން ކަން ޅަ ސިކުނޑިތަކަށް އަބަދާ އަބަދު ހަނދާން ކޮށްދިނުމެވެ. އަދި މައްސަލަތައް ދިމާވެފައި ވިޔަސް ދޮރުމައްޗަށް އެމައްސަލަތައް ދޫކޮށްލާފައި ކުލާހަށް ވަދެ ކިޔެވުމައިގެން ކުރިޔަށް ދިއުމަށް ކުދިންނަށް ހިތްވަރު ދިނުމަށެވެ.
ކަރެންގެ މި އެފްބީ ޕޯސްޓް 37 ހާހަށް ވުރެ ގިނަ މީހުން ޝެއާކޮށް އަދި ގިނަ ބަޔަކު ކަރަންގެ މި މަސައްކަތަށް ވަރަށް ތައުރީފު ކޮށްފައި ވެއެވެ. ނަމަވެސް ކުދިންނަށް މިފަދަ އެކްޓިވިޓީއެއް ދިނީތީ ހިތްހަމަނުޖެހިގެން ވެސް ބައެއް މީހުން ޚިޔާލު ފާޅުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރިސާޗާ އެޑިސަން ޑުއާން ހިމެނެ އެވެ. އޭނާއަކީ ޓްރޯމާ-އިންފޯމްޑް ޓީޗަރެކެވެ.
އޭނާ ބުނި ގޮތުގައި ކުދިންނަށް ދިމާވެފައިވާ ހިތްދަތި ކަންތައްތަކުގެ ވާހަކަ އަލުން އެކުދިންނަށް ހަނދާންކޮށްދީ އެ ވާހަކަތައް ކިޔައިދޭން ޖެއްސުމަކީ ނަފްސާނީ ގޮތުން އެކުދިންނަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ ގެއްލުން މާ ބޮޑުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ