ސުޕްރީމް ކޯޓުގެ އޮޑިޓެއް ހަދަން ޖޭއެސްސީން ނިންމައިފި
ސުޕްރީމްކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އެ ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިއަދު ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ޖޭއެސްސީން ބުނެފައިވަނީ އެ ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމާއި މާލީ ކަންކަން ހިނގާ ގޮތް ބެލުމަށް އެ ކޯޓުގެ އޮޑިޓެއް ހަދަން ކަމަށެވެ. އަދި އެ އޮޑިޓު ހަދާނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިންޓަނަލް އޮޑިޓު ޔުނިޓުންކަމަށްވެސް ބުނެފައިވެއެވެ. ޖޭއެސްސީން ސުޕްރީމް ކޯޓު އޮޑިޓުކުރުމަށް ނިންމާފައި މިވަނީ އެ ކޯޓުގެ އިދާރީ ހިންގުމާއި މާލީ ބައެއް ކަންކަމާ ބެހޭ މައްސަލަތަކެއް ދައުލަތުގެ ކަމާ ބެހޭ ބައެއް އިދާރާތަކަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެ ކޯޓުގެ ހަތަރު ފަނޑިޔާރަކު މެންދުރުގެ ފަރީއްކޮޅު ހަމަޖައްސަން ސުޕްރީމް ކޯޓުގައި ޕެޓީ ކޭޝްގެ ގޮތުގައި ބޭނުންކުރަން ބަހައްޓާފައިވާ ފައިސާ ހަރަދުކުރައްވާ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. http://sun.mv/126969 އޭސީސީއަށް އެފަރާތުން ހުށަހެޅި ސިޓީގައި ބުނެފައިވަނީ ހަތަރު ފަނޑިޔާރުން މެނދުރުގެ ފަރިއްކޮޅު ގެނުވަނީ ސުޕްރީމް ކޯޓުގެ ވޭނުގައި އެ ކޯޓުގެ މުވައްޒަފަކު ފޮނުވައިގެން، ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރު ރެސްޓޯރަންޓުން ކަމަށެވެ. ޝަކުވާ ރައްދުވާ ހަތަރު ފަނޑިޔާރުންނަކީ އެ އުއްތަމަ ފަނޑިޔާރު ޑރ .އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. http://sun.mv/127133 މީގެ އިތުރުން ޖޭއެސްސީން ސުޕްރީމް ކޯޓުގެ އެ ހަތަރު ފަނޑިޔާރުންނާ ގުޅޭގޮތުން ލިބިފައިވާ އެތައް ޝަކުވާއެއް ބަލަމުން އަންނަ އިރު، އޭގެ ތެރޭގައި ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުން އަދި ޖުޑިޝަރީގެ ދައުރުން ބޭރު ކަންތައްތައް ކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ