ރާއްޖޭގައި ރާޅުން ކަރަންޓު އުފައްދަން ސާވޭއެއް ކުރަނީ

ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމަށް ރާއްޖޭގައި ހާއްސަ ސާވޭއެއް ކުރަން ދިވެހި ކުންފުންޏަކުން ތައްޔާރުވެއްޖެ އެވެ.
ޓެންޑާން ކޮންސަލްޓެންސީން ނަމަކަށް ކިޔާ ކުންފުނިން މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާސިމް ރިޒާ ވިދާޅުވީ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމަށް ސާވޭއެއް ހަދަން ނިންމާފައި ވަނީ އޮސްޓރޭލިއާގެ ވޭވް ސްވެލް އެނާޖީއާ ގުޅިގެން ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ޖެނުއަރީގައި ފަށާނެ ކަމަށެވެ. އަދި އެ ސާވޭ ހަދަން ހަތް މިލިއަން ޑޮލަރު (107.9 މިލިއަން ރުފިޔާ) ހޭދަ ވާނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ އެ ސާވޭ ކުރާނެ ވަކި އަތޮޅުތަކެއް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް އިސްކަން ދޭނީ މާލެ އަތޮޅުގެ ކަނޑުތަކާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކަށް ކަމަށެވެ. އެއީ ފީސެބަލް މަސައްކަތެއްތޯ ބަލަން ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރެއްވިއްޖެ ނަމަ ރާއްޖޭގެ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
"ވޭވް އެނާޖީ ޕްރޮޖެކްޓް"ގެ ނަމުގައި ހިންގާ މި ސާވޭ ކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓްގައި ބޭނުން ކުރުމަށް ނިންމާފައިވަނީ ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭނުން ކުރާ ޒަމާނީ ވަސީލަތްތައް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ