ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ އަލުން ބައްލަވަން ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ނިންމަވައިފި އެވެ.
އެ މައްސަލަ އަލުން ބައްލަވަން ނިންމެވުމުގެ އިތުރުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ގޮތުގެ މަތީން، މައްސަލަ ބެލުމަށް ބެންޗެއް ވެސް އަލީ ރަޝީދު ވަނީ އެކުލަވައިލައްވައި އިއުލާނު ކުރައްވައިފަ އެވެ. ފަސް ގާޒީންގެ މައްޗަށް އެކުލެވޭ އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ގާޒީ އަލީ ރަޝީދު ހުސެއިން އާއި ގާޒީ އަހުމަދު ޝަކީލު އާއި ގާޒީ މުހައްމަދު ސަމީރު އާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ގާޒީ އަލީ ރަޝީދު މިއަދު ނެރުއްވި "އިސް ގާޒީގެ ގަރާރު" ގައި ބުނެފައި ވަނީ، "މއ. ކާމީނީ ހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން ހުށަހަޅައިގެން، މި ކޯޓުގެ ނަންބަރު: 60/Cr-C/2019 ގަޒިއްޔާއިން ބަލަމުންދާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތް އެއް ގާޒީޔަކު ބެލުމުގެ ބަދަލުގައި، ގާޒީންގެ ބެންޗަކުން ބަލައިދިނުމަށް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން މައްސަލައިގެ އިބްތިދާއި މަރުހަލާގައި އެދިފައި ވާނެ ކަމަށާއި، އަދި މިހާރުވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށް ބުނެ، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން ހުށަހަޅާފައި ވާތީ، މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ގާނޫނު ނަންބަރު 22/20/10 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 58 މާއްދާއިން އަހުރެންނަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ބުނެވި ދިޔަ މައްސަލަ ބަލައި ނިޔާ ކަނޑައެޅުމަށް ޓަކައި، މި ކޯޓުގެ ގާޒީން ކަމުގައިވާ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ގާޒީ އަހުމަދު ޝަކީލު އާއި ގާޒީ މުހައްމަދު ސަމީރު އާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދާއި މި ފަސް ގާޒީންގެ މައްޗަށް އެކުލެވިގެންވާ ބެންޗެއް ކަނޑައަޅައިފީމެވެ."
ރައީސް ޔާމީންގެ މައްސަލަ ކުރީން ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށް، އެ ކޯޓު ވަގުތީ ގޮތުން ހިންގުން އަލީ ރަޝީދާ ހަވާލުކުރީ މިދިޔަ ހަފުތާގަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ރައީސް ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރްސީއާ ގުޅޭ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައި އޮތް ދުވަހު އެވެ. އެކަމާ ގުޅިގެން އެ ދުވަހު ބާއްވަން އޮތް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ވަނީ ކެންސަލް ކޮށްފަ އެވެ.
މި މަހުގެ 17 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް އަލުން ތާވަލުކޮށް، މިހާރު ވަނީ ޗިޓު ފޮނުއްވާފަ އެވެ. ޗިޓުގައި ސޮއިކުރައްވާފައި ވަނީ ގާޒީ އަލީ ރަޝީދު އެވެ. އާންމު އުސޫލެއްގެ ގޮތުން ޗިޓުގައި ސޮއިކުރައްވަނީ މައްސަލަ ބައްލަވާ ގާޒީ އެވެ.
ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމާ ގުޅިގެންނެވެ. ހައިލަމް ސްކޫލީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަނީ، ނަސްރުގެ ދުވަހުގެ މުނާސަބާގައި މަރުހަބާ ވިދާޅުވުމަށް އޭނާ ފޮނުއްވި މެސެޖަކާ ގުޅިގެނެވެ. އެ މެސެޖުގެ ފޮޓޮއިން ފެންނަނީ ބަޔެއްގެ ކަރުގައި ވާ ޖަަހައިގެން، ދަމާފައި ގެންދާ މަންޒަރެވެ. ވާ ދަމާފައި ގެންދަނީ ނަސްރުގެ ދުވަހުގެ ބަތޮލު ޝަހީދު ހުސެއިން އާދަމް އެވެ. ޗޭނު ޖަހާފައިވާ މީހުންގެ ތެރޭގައި، މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ޔާމީންގެ މައްސަލަ އަލުން ބަލަން ގާޒީ އަލީ ރަޝީދު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ