ގުރައިދޫގެ ގޭގައި ރޯވީ ކަރަންޓް ޝޯޓަކުން: ކައުންސިލް

ތ. ގުރައިދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ގުރައިދޫ ކައުންސިލް މެމްބަރު ނައުފަލް ހުސައިން މިއަދު ވިދާޅުވީ އިއްޔެ މެންދުރު 11:30 އެހާކަންހާއިރު އެރަށު ގާދިއްފުށީ ގޭގައި އަލިފާން ރޯވި ސަބަބެއް ކަމަށް މިހާތަނަަށް ބެލިބެލުމުން އެނގުނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެގޭގައި ދިރިއުޅެމުން ދަނީ ދެމަފިރިއަކާއި ކުޑަ ކުއްޖެއް ކަމަށާއި އަލިފާން ރޯވި ވަގުތު ގޭގައި ތިބީ އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ކަމަށެވެ. އަދި ފިރިހެން މީހާ މިވަގުތު ހުރީ މާލޭގައި ކަމަށެވެ. ނަމަވެސް އެ ދެމައިންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެވުނެވެ. އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
ގާދިއްފުށި ގޭގައި ދިރިއުޅެމުން އައި ދެމައިން ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޣައްސާން މައުމޫން ވަނީ ފައިސާގެ އެހީ ވެދީފަ އެވެ. އަދި ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވެސް އެއާއިލާއަށް އެހީވެފަ އެވެ.
"އަލިފާނުގެ ހާދިސާ ހިނގިތާ މާހިނަ އިރުތަކެއްނުވެ ދާއިރާގެ އެމްޕީ އަޅުގަނޑުމެންނަށް ގުޅުއްވާ އެދެމައިންގެ ހާލު ބެއްލެވި. އަދި މިވަގުތު ބޭނުންވާ އެހީތެރިކަމެއް ވަގުތުން ފޯރުކޮށްދެއްވި. އެގޮތުން ފައިސާގެ އެހީއާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ އެހީ ފޯރުކޮށްދެއްވި. ދެން ރަށުގެ ރައްޔިތުން ވެސް ވަރަށް ބޮަޑަށް އެހީތެރިވެދޭ" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ