ކުޅުންތެރިން ހޯދާ ކާމިޔާބީއާ އެއްވަރަށް ވަސީލަތްތައް ތަރައްގީ ކުރެވިފައެއް ނެތް: ރައީސް

ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ކުޅުންތެރިން ހޯދާ ކާމިޔާބީއާ އެއްވަރަށް ވަސީލަތްތައް ތަރައްގީ ކުރެވިފައި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ. 
އެކުވެނީގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. އޭރުން ފެށިގެން، މިދިޔަ
އަހަރުގެ ޖޫން މަހާ ހަމައަށް، އެތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެކެވެ.
ރައީސް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް
ޓްރެކް ހަލާކުވީމާ، ވެލިއަޅައިގެން ހަރުކުރުމަށް ފަހު އެއްވަރު ކޮށްލަނީ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އެފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެއެވެ. 
ރާއްޖޭގެ ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ވަރަށް ނެތް ކަމަށެވެ. 
''ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ
ގާތަށްވެސް ތަރައްޤީކުރެވިފައެއް ނެތް. ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ
ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ނެތް.'' ރައީސް ސޯލިހު ވިދާޅުވިއެވެ. 
ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދި، ކުޅިވަރުގެ ޒަރީއާއިން، އާންމު ސިއްހަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން
ދިޔުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ