ޖާނުންފިދާވާން އުޅުނު ކަމަށް ބުނާ ކުރީގެ ސިފައިންގެ މީހާގެ މައްސަލަ ސާބިތެއް ނުވި

ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމް ގެ ދައުވާ އުފުލި ކުރީގެ ސިފައިންގެ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. އެމައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޏ. ފުވައްމުލައް، އަލުވިމާގެ، ހުސައިން އަފީފު ގެ މައްޗަށެވެ. އަދި ހަމަ އެމައްސަލައާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އުފުލާފައި ވަނީ ރ. މަޑުއްވަރީ، ވިލުދޮއިސްހާގު އަލީ ގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށް އުޅެފައިވާތީ ކަމަށް ބުނެ އެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ މިއަދު ކޯޓުން ނިންމާފައި ވަނީ ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތު ނުވާ ކަމަށެވެ. ހުސައިން އަފީފާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެލިޖެންސް ރިޕޯޓެއް ހިމެނެ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އޭނާ ސިފައިންގެ ވަޒީފާގައި ހުރިއިރު ވަޒީފާއަށް ހާޒިރުވެފައި ނުވަނީ ދީނީގޮތުން ހަރުކަށި ވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިފައިންގޭގައި އުޅެމުން ތުނބުޅި ދިގުނުކުރެވޭތީއާއި ފައިކުރި ކުރު ނުކުރެވުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނު ކަމަށްވެސް އެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ސިފައިންގެ ވަޒީފާއަށް ހުސައިން އަފީފު ހާޒިރުވެފައި ނުވާ މުއްދަތުގައި ފުވައްމުލަކުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމުގައި ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ ހުސައިން އަފީފ،ު 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށް އުޅެފައިވާކަމަށް ދައުލަތުން ބުނެފައިވާއިރު ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށްޓަކައި ޖާނުން ފިދާވުމުގެ އަމަލު ތަންފީޒު ކުރުމަށް ފެށިކަން ނުވަތަ ކޮށްފައިވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން ކަމެއްކަން ކަނޑައެޅިގެން ދައުވާގެ ސީޣާގައި އަދި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ބަޔާން ކޮށްދީފައި ނުވާ ކަމަށެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ކުށުގެ އުންސުރުތަކުގެ ގޮތުގައި ދައުލަތުން ފާހަގަކުރާ މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަމެއް ހުސައިން އަފީފު ކޮށްފައިވާ ކަމުގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުން ދަލާލަތު ނުކުރާ ކަމަށެވެ. ހުލާސާ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވަނީ ކުށެއްގެ ތުހުމަތުގައި ހުސައިން އަފީފު ހައްޔަރުކުރެވުނު ކަމާއި ހުސައިން އަފީފު އާއި އިސްހާގު އަލީއާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ކުރެވުނު ކަމާއި ހުސައިން އަފީފުގެ ފޯނުން އިސްލާމިކް ސްޓޭޓާއި ގުޅުން ހުރި ވީޑިއޯ އޯޑިއޯ ފޮޓޯ އަދި ޑޮކިއުމެންޓް ފުލުހުންނަށް ހޯދިފައިވާ ކަން ކަމަށެވެ. އޭގެ އިތުރުން ދީނީ ހަރުކަށި ވިސްނުން ހުރި ފަރާތްތަކާއި ފަރާތްތައް ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ފަރާތްތަކާއި ހުސައިން އަފީފާ ގުޅުން އޮންނަ ކަމަށް ސާބިތުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ކުށުގެ އުންސުރުގެ ގޮތުގައި ދައުވާގެ ސީޣާގައި ފާހަގަކޮށްފައިވާ ކަމެއް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން ސާބިތު ނުކުރެވޭތީ ހުސައިން އަފީފުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ