ފުޓްބޯޅައަކީ ރައްޔިތުން އެއްތަންކޮށްދޭ ކުޅިވަރެއް - އިލްހާމް

ފުޓްބޯޅައަކީ ފޯރިގަދަ ކުޅިވަރެއްގެ އިތުރުން، ޤައުމުގެ އެއްބައިވަންތަކަން ދިރުވައި އާލާކޮށް، އަދި ޤައުމީ ރޫޙުގައި ކަންކަން ކުރިއަށް ގެންދިޔުމަށް ރައްޔިތުން އެއްތަންކޮށްދޭ ކުޅިވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން  އިލްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޭއްވުނު އަންހެނުންގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަން ފުޓްބޯޅަ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް، ސަން ހޮޓެލްސްގެ ފަރާތުން ދަރުބާރުގޭގައި، ރޭ ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ޤައުމު ބައިބައިވެ، ދޭދޭ ފަރުދުންނާއި އެކުވެރިން ހަތުރުންނަށް ވެގެންދާ ދަނޑިވަޅުތަކުގައިވެސް މިފަދަ ބައިބައިވުންތައް ނެތިކޮށްލުމަށް ފުޓްބޯޅަ ވަނީ މުހިންމު ދައުރެއް އަދާކޮށްފައިކަން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ބޭއްވުނު އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވައި، ޓީމުގެ މަސައްކަތްތައް، މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އިލްހާމް ޙުސައިންގެ ވާހަކަފުޅުގައި، ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗެއަރމަން  އަޙްމަދު ޞިޔާމް މުޙަންމަދު، އިޖްތިމާޢީ ރޮނގުން ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އޭނާއަކީ އެރޮނގުންވެސް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި، ކުރެއްވެން އޮތް އެންމެ ފުރިހަމަގޮތުގައި، ކޮންމެ މަސައްކަތެއްވެސް ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ.
މި ޙަފްލާގައި، އަންހެނުންގެ ފުރަތަމަ ޤައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ސަން ޓީމުގެ ދެ ކުޅުންތެރިންނަށް ޓްރޮފީ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން  އިލްހާމް ޙުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ