އޭޝިއަން ސްކޫލް ޗެސް ޗެންޕިއަންޝިޕާއި އިންޓަސްކޫލް ޗެސް މުބާރާތް އިއުލާނުކޮށްފި

އޭޝިއަން ޗެސް ފެޑަރޭޝަނުންނާއި ބައިނަލްއަގްވާމީ ޗެސް ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ އޭޝިއަން ސްކޫލް ޗެސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތާއި މި އަހަރުގެ އިންޓަސްކޫލް ޗެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ ޗެސް ފެޑަރޭޝަނުން ހުޅުވާލައިފި އެވެ.
ޗެސް ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަހަރު އިންޓަ ސްކޫލް ޗެސް މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަ އުމުރުފުރައަކަށް ބަހާލައިން އަންހެން އަދި ފިރެހެން ކެޓަގަރީތައް ވަކިން ކަމަށެވެ. އަދި ކޮންމެ އުމުރުފުރައެއްގެ ޗެންޕިއަންކަން ހޯދާ ކުޅުންތެރިޔާއަށް މިއަހަރު ބާއްވާ އޭޝިއަން ސްކޫލް ޗެސް ޗެންޕިއަންޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ޗެސް ފެޑަރޭޝަނުން ވަނީ ބުނެފައެވެ.
މިއަހަރު ބާއްވާ 11 ވަނަ އޭޝިއަން ސްކޫލް ޗެސް ޗެންޕިއަންޝިޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މެއި 30 ވަނަ ދުވަހުން ފެށިގެން ޖޫން އަށްވަނަ ދުވަހާ ހަމައަށް ސިންގަޕޫރުގައެވެ.
ޗެސް ފެޑަރޭޝަނުން ނެރުނު ބަޔާނުގައި، މުބާރާތުގައި ބައިވެރިވާން ފޯމް ހުށަހެޅުމަށް އެންމެ ފަހު ތާރީޚަކަށް ކަނޑައަޅާފައި ވަނީ މާޗް 15 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިއެވެ. އަދި އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވައިދު ޗެސް ފެޑަރޭޝަންގެ އޮފީހުންނާއި ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ އިންޓަ ސްކޫލް ޗެސް މުބާރާތް ބާއްވަން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 20 ވަނަ ދުވަހުން 30 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ