ޓްރަމްޕުގެ ރިޔާސީ އަމުރާ ގުޅިގެން މީހުން ޑީޕޯޓު ކުރުން ކޯޓުން ހުއްޓުވައިފި

ވޮޝިންޓަން (ޖެނުއަރީ 29): ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރުގެ ސަބަބުން އެ ގައުމުގައި ތިބި ބައެއް މީހުން ޑީޕޯޓު ކުރުން ނިއު ޔޯކުގެ ކޯޓަކުން ހުއްޓުވައިފި އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި އަމުރަކާ ގުޅިގެން އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޔޫއެސް ޑިސްޓްރިކްޓް ޖަޖް އޭން ޑޮނެލީ ވަނީ އެމެރިކާ އިން ގަބޫލުކޮށްފައިވާ ރެފިއުޖީ އެޕްލިކޭޝަންތައް ތިބި ފަރާތްތަކާއި، ވިސާ އޮތް ފަރާތްތަކާއި މީގެ އިތުރުން ވެސް "އެމެރިކާ އަށް ވަނުން ގާނޫނީ ގޮތުން ހުއްދަ ދީފައިވާ" ފަރާތްތައް އެގައުމުން ޑީޕޯޓު ކުރުން ހުއްޓުވައިފަ އެވެ. 'ހައްދުފަހަނައަޅާފައިވާ އިސްލާމީ ޓެރަރިސްޓުން އެމެރިކާއަށް ނުވެއްދުމަށް ޓަކައި ރައީސް ޓްރަމްޕް ސޮއި ކުރެއްވި ރިޔާސީ އަމުރުތަކުގެ ތެރޭގައި ވަކި މުއްދަތެއް ނެތް ގޮތަށް ސީރިއާގެ ރެފިއުޖީން އެގައުމަށް ދިޔުން މަނާ ކުރުމުގެ އިތުރުން ހަތަރު މަސް ވަންދެން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓާލުމަށް އަމުރުކޮށްފައިވެ އެވެ. އަދި ތިން މަސް ވަންދެން މުސްލިމް ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ. އެއީ އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނެވެ. އޭސީއެލްޔޫން ލަފާ ކުރާ ގޮތުގައި އެ އަމުރުގެ ފަހުން އެމެރިކާ އަށް ދިޔަ 200 ވަރަކަށް މީހުން ވަނީ އެއާޕޯޓުން ހިފަހައްޓައިފަ އެވެ. ނަމަވެސް ރައީސް ބަރަކް އޮބާމާގެ ދައުރުގައި ކޯޓަށް ނޮމިނޭޓް ކޮށްފައިވާ ފަނޑިޔާރު ޑޮނެލީ ވަނީ އެމީހުން ވަގުތުން ޑީޕޯޓު ކުރުން ހުއްޓުވާފަ އެވެ. އަދި އެއައަމުރުގެ ސަބަބުން ހިފަހައްޓާފައިވާ މީހުންގެ ލިސްޓެއް ކޯޓަށް ދިނުމަށް ސަރުކާރަށް އަމުރުކޮށްފަ އެވެ. އެމައްސަލައިގެ ދެ ވަނަ އަޑުއެހުމެއް ވަނީ އަންނަ މަހުގެ ފަހުކޮޅަށް ތާވަލުކޮށްފަ އެވެ. އިއްޔެ ޓްރަމްޕު ވަނީ އޭނާގެ އަމުރުފުޅު ދިފާއު ކުރައްވައި، އެއީ އެމެރިކާ އިން މުސްލިމުން މަނާ ކުރުން ނޫން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ