ރިޔާސީ ބަޔާނުގައި ޓޫރިޒަމާއި ވިޔަފާރި އަދި އުމުރާނީ މަސައްކަތުގެ ބޮޑު ތަސައްވުރެއް

ވިޔަފާރި ތަރައްގީ ކުރުމުގައި ވިޔަފާރިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ، މާލީ އެހީތެރިކަން ނުލިބުން ކަމަށް ވާތީ، އެކަން ހައްލު ކުރުމަށްޓަކައި 300 މިލިއަން ރުފިޔާގެ ކޮލެޓަރަލް ގެރެންޓީ ސްކީމެއް ތައާރަފުކޮށް، އެ ސްކީމުގެ ކަންތައްތައް ރާއްޖޭގެ ބެންކްތަކުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުން ރައީސް ވިދާޅުވީ އެ ސްކީމުގެ އެއް ބޭނުމަކީ މާކެޓް މެކޭނިޒަމްގެ ތެރެއިން ތަރައްގީ ކުރެވިދާނެ ވިޔަފާރީގެ ފުރުސަތުތައް ސަރުކާރުގެ އެހީތެރިކަމާ އެކު އަވަސްކޮށްދިނުން ކަމަށެވެ.
"ވިޔަފާރި އިތުރަށް ތަރައްގީ ކުރުމަށް ލޯނެއް ނަގަން ބޭނުންވާ ފަރާތްތަކަށް ކޮލެޓަރަލްގެ ސަބަބުން ހުރަހެއްވާ ނަމަ، އެ ހުރަސް ކަޑައްތުކޮށް ލޯނު ލިބުމަށް ޖުމްލަ ގޮތެއްގައި ފަސޭހަ ވެގެންދާނެ. މި ކްރެޑިޓް ސްކީމަކީ، ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ކުރެވިފައިވާ ސްކީމެއް،" ރައީސް ވިދާޅުވި އެވެ.
މާލީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮލެޓަރަލް ގެރެންޓީ ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާނީ ސްވޮރިން ގެރެންޓީ އެވެ. ނުވަތަ ބޮންޑް ވިއްކާނީ އެވެ. އެކަން ކުރާނެ ގޮތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހުޅުވާލި ފުރުސަތުގެ ތެރެއިން އިގުތިސޯދީ ދާއިރާތަކަށް އަމާޒުކޮށްގެން 78 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ލޯނު ދިނުމުގެ ޕްރޮގްރާމެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ވިޔަފާރީގެ ފަންނީ އެހީތެރިކަން އިތުރުކުރުމަށް 12 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް މި އަހަރާއި އަންނަ އަހަރު ހިންގަން އިއުލާން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީ ދެ އަހަރު އެމަނިކުފާނު ދެއްވި ރިޔާސީ ޚިތާބުތަކަށް ވުރެ މާ ދިގުކޮށް، ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލަށް ދިން ޑިއުޓީގެ ލުއިފަސޭހައިގެ ރަނގަޅު ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި އިން ޑިސެމްބަރުގެ ނިޔަލަށް 3،765،000ރ. ގެ މުދާ ކުޅުދުއްފުށީ ބަނދަރަށް އަދި މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އައްޑޫ ހިތަދޫ ބަނދަށް 5،191،000ރ. ގެ މުދާ ބާލާފައިވާ އިރު ޑިއުޓީން ބައެއް މާފުކޮށްދޭން ފެށުމުން މިދިޔަ އަހަރުގެ ޖުލައި އިން ޑިސެމްބަރުގެ ނިޔަލަށް 44 މިލިއަން ރުފިޔާގެ މުދާ ހިތަދޫ ބަނދަރަށް ބާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު 857 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ ތަރައްގީ އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދަނޑުވެރިންނަށް މި އަހަރު 50 މިލިއަން ރުފިޔާގެ ސަބްސިޑީ ދޭނެ ކަމަށެވެ. އަދި 25 ރަށެއްގެ ދަނޑުވެރިން ބާޒާރަށް ނެރެ އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެ މަގު ފަހިކޮށްދިނުމާއި ދަނޑުވެރިކަމުގެ ތަމްރީނު ހަރުދަނާ އުސޫލަކުން ދިނުމަށްޓަކައި ލ. ގަމުގައި އެގްރިކަލްޗަރަލް ސްކޫލެއްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ތަރައްގީއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މެދު ފަންތީގެ ތިން ތަރި ނުވަތަ ހަތަރު ތަރީގެ އެނދު އެކުލެވޭ ޒޯން ލ. އަތޮޅުގައި ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލ. ގަމުގައި ތަރައްގީ ކުރާ އިންޓަ ގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯންގައި މެދު ފަންތީގެ ވިޔަފާރިތަކުގެ ސަބަބުން ޓޫރިޒަމް ވިޔަފާރީގައި އިތުރު ފުރުސަތުތައް ހުޅުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ސަރަހައްދުގައި ތިނެއް ނުވަތަ ހަތަރު ތަރީގެ މެދު ފަންތީގެ ދެ ހޮޓާ ތަރައްގީ ކުރުމާ އެކު، ދިވެހިންނަށް ޓޫރިސްޓް ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބިން ދޫކުރެވޭނެ. މިކަމަށްޓަކައި މިހާރު ވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެ ސަރަހައްދާ ދެމެދުގައި މަޝްވަރާ ކުރެވި، ފަރުމާތައް އެކުލަވާލެވި މަޝްރޫއު ފެށުމުގެ އިންތިޒާމްތައް ދަނީ ކުރެވެމުން. މެދު ފަންތީގެ ޒޯން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ގާއިމްކުރުމަށް ވަނީ ރޭވިފައި،" ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ރައީސް ނަޝީދުގެ ރިޔާސީ ބަޔާންގައި ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން 4،150 ހައުސިން ޔުނިޓްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި، އޭގެ ތެރެއިން 1،750 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުޅިފަޅު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 50 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ އެޕްރީލްގައި ފަށާނެ ކަމަށެވެ. އަދި ގުޅިފަޅުގައި 2،500 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފަށައި އަންނަ އަހަރުގެ ނިޔަލަށް އެ ރަށުގައި މީހުން ވަޒަންވެރި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިލިނގިއްޔާއި ގުޅިފަޅު ބްރިޖަކުން ގުޅާލެވޭނެ. މާލެ އާއި ވިލިނގިއްޔާ ދެމެދު ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތް ހިންގޭނެ ގޮތްތަކެއް މި އަހަރުގެ ތެރޭގައި ދެނެގަނެވި، މާތްރަސްކަލާނގެ އިރާދަފުޅާ އެކު، އެ މަސައްކަތް ފަށައިގަނެވޭނެ. ސަރުކާރުގެ އަމާޒަކީ، މާލޭ ލޮނު ޒިޔާރަތްކޮޅުން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ގުޅުވާލެވޭ މަގެއް ބިނާކުރުން. އެއީ 12 ކިލޯ މީޓަރުގެ މަގެއް. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިމެނޭ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ލުއިކަން ހޯދުމާއި މުޅި ރާއްޖޭގެ ތަރައްގީ އަށް މަގުފަހި ކުރުމަކީ ސަރުކާރުގެ އަމާޒު،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމުގެ މަޖިލީހުގެ ޖަލްސާ އަށް އިދިކޮޅު ގިނަ ފަރާތްތަކުން ވަޑައެއްނުގަންނަވަ އެވެ. މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 49 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ