އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ ކަމަށް، ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައިގެން މަހުލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމެއް ތަންފީޒުކޮށް ނިމުނު އިރު ވެސް އޭގެ އިސްތިއުނާފް، ހައި ކޯޓުން ބަލާފައި ނުވާ ކަމަށެވެ.
މިދިއަ އަހަރުގެ ޖުލައި 25 ގައި މަހުލޫފް މައްޗަށް އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޖެނުއަރީ 17 އަށް ވަނީ ހަމަވެފަ އެވެ. އެކަމަކު ހައި ކޯޓުގައި އިސްތިއުނާފްކުރިތާ ފަސް މަސް ވެ އަދި ހުކުމް ތަންފީޒުކޮށް ނިމުނު އިރު އެންމެ އަޑުއެހުމެއް ވެސް ބާއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ އެވެ. ގާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލު ހަޖަމް ނުކުރެއްވޭ ފަނޑިޔާރުން މަގާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލަމެވެ،" މަހުލޫފްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވަނީ ރައްޔިތުންނާ ވެސް ބައެއް ސުވާލުތައް ކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފަދަ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކަށް އދ. އާއި މުޅި ދުނިޔެ އިން މަލާމަތްކުރާ އިރު "ދިވެހިން ހަމަ ހަނު ތިބެންވީތޯ" ސުވާލުކުރެއްވި އެވެ.
"ސަރުކާރުގެ އޯޑަރަށް ސިޔާސީ ފަރާތްތަކަށް ހުކުމްތައް އިއްވަމުން ދާއިރު ރައްޔިތުން ހިޔާލުފާޅުނުކޮށް ހަމަ ތިބެންވީތޯ އެވެ،" ބަޔާނުގައި މަހުލޫފް އެއްސެވި އެވެ.
ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާގޮންގް) ހުކުމަކާ ނުލާ އެއް އަހަރު ޖަލުގައި ބެހެއްޓި މައްސަލާގައި ވެސް މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ހަގީގަތުގައި ނިޒާމީ ގޮތެއްގައި އެންމެ މީހަކަށް އަނިޔާ ދިނަސް އޭގެ މާނައަކީ އެ އަނިޔާގެ ބިރު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮތް ކަމެވެ. މި ގައުމަކީ ވަކި ބައެއްގެ ތަރިކަ މުދާ ކަމަށް ދެކި، ވަގުތީ ގޮތުން ލިބިފައިވާ ބާރުތަކެއްގެ ބޭނުން ނުހަމަ ގޮތުގައި ހިފަން ރައްޔިތުން ބިރު ގެންނެވުމަށް ޖަހާ މަޅިފަތިތަކަށް ކިޔަމަންވެ ބޯލަނބާ ވަރަށް ވުރެ ރައްޔިތުންގެ ލޯތައް ވަނީ ހުޅުވިފަ އެވެ" އޭނާ ވިދާޅުވި އެވެ.
އިންސާފުން ބޭރުން އިއްވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ