ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސާއިން ބަލި ގަބޫލުކޮށްފި

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސެލޯނާއިން ބަލި ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބާސާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގައި ނޭމާ ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އައިރު، ރިޕޯޓުތައް ބުނާގޮތުން ނޭމާ ގަތުމަށް 100 މިލިޔަން ޔޫރޯ ޚަރަދުކުރަން ބާސާއިން އޮތީ ތައްޔާރަށެވެ. އެކަމަކު ޕީއެސްޖީން ނޭމާ ވިއްކާލާނީ 150 މިލިއަން ޔޫރޯއަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ ނޭމާ ހޯދުމަށް ކުރަން ޖެހޭ ޚަރަދު ބޮޑުވާނެތީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ނޭމާއަށް ބިޑް ނުކުރަން ބާސާގެ ބޯޑު މެންބަރުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ފީފާއިން އެކުވާލަވާލާފައިވާ އައު ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު ނުހިމަނައި ހަދާ އެއްބަސްވުންތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާއެކު، ކުޅުންތެރިޔާ ކްލަބު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ކުރިން ބުނި ގޮތުގައި ފީފާއިން ނޭމާގެ އެއްބަސްވުމަށް ބެލުމަށް ފަހު، އޭނާގެ އަގު ކަނޑަޅާއިރު، އެ އުޅޭނީ 180 މިލިއަން ޔޫރޯގައެވެ. އެހެންކަމުން ނޭމާ އަލުން އަނބުރާ ހޯދުމަށް ބާސާއިން އެ ކްލަބުގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ހުށަހަޅަން މަސައްކަތް ކުރި ކަމަށްވެސް މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކުރިއެވެ.
2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ އަލުން އަނބުރާ ބާސާއަށް ބަދަލުވާން ވޭނުންވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ޕީއެސްޖީގައި ނޭމާއަށް އަދި މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، އޭނާ ވަނީ ޕީއެސްޖީއަށް ކުޅެދިން 80 މެޗުގައި ވަނީ 69 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ