ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް ހާޒިރު ކުރިތާ މިހާރު ހަތް ގަޑިއިރު ވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ޝަރީޢަތް ނުފަށާ ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ފައިސަލްގެ ޓްވީޓްގައި ވަނީ ރައީސް މައުމޫންގެ ކޯޓަށް ހާޒިރުކޮށް ޝަރީޢަތުގެ އަޑުއެހުން ނުފަށާ ހަތް ގަޑިއިރު ވެފައި ވާތީ އެކަން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހާއި، އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ސަމާލުކަމަށް ވެސް ގެންނަވާފައެވެ.
ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތް މިއަދު ތާވަލް ކޮށްފައި އޮތީ 15:30 އަށް ކަމަށާއި ނަމަވެސް އަދިވެސް ޝަރީޢަތް ނުފަށާ ކަމަށެވެ.
ރައީސް މައުމޫންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތް ފެށުން ލަސްވަމުންދާ ސަބަބެއް ސާފެއް ނުވެއެވެ.
ރައީސް މައުމޫންގެ ޝަރީޢަތް ފެށުން ލަސްވެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ކްރިމިނަލް ކޯޓުގައި ހުންނަވާތާ ހަތްގަޑިއިރު ފާއިތުވެއްޖެ ކަމަށާއި ދައުލަތުން މިކަމުގައި އުޅުއްވާ ބޭފުޅުން މިކަމާއި ވިސްނަވަން ޖެހޭ ކަމަށެވެ.
މައުމޫން ކޯޓަށް ހާޒިރު ކުރިތާ ހަތް ގަޑިއިރު، އަދި ޝަރީއަތެއް ނުފަށާ – ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ