މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން 362 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފި

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން މާލޭ އޯކިޑުމަގުން 362.5 އަކަފޫޓުގެ ބިންކޮޅެއް ބައްލަވައިގެންފިއެވެ.
ސިވިލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު އިއްވާފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި މައުމޫން ބައްލަވައިގެންނެވީ އޯކިޑުމަގު 23 ނަމްބަރު ފިހާރަ ހުރި 362.5 އަކަފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތާއި ނުއުފުލޭ މުދަލެވެ. ހުކުމުގައިވާ ގޮތުން މައުމޫން އެ ބިން ބައްލަވައިގެންނެވީ ހަ މިލިޔަން ރުފިޔާގެ އަގަކަށެވެ.
ސިވިލް ކޯޓުންވަނީ އެބިމުގެ ވެރިފަރާތަކީ މިހާރު މައުމޫން ކަމަށް އެ ހުކުމުގައި ކަނޑައަޅާފައެވެ.
އެ ބިން ބައްލަވައިގެންފައިވާތީ ވީއެފްޕީން މައުމޫނާ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އެ މުއާމަލާތަކީ މާލެއިން ބިމެއް ގަތުމަށް ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވީ އެ ބިން ހަ މިލިޔަން ރުފިޔާއަށް ބައްލަވައިގެންނެވި ކަމަށް ކޯޓު މެދުވެރިކޮށް ހުކުމެއް ހޯދާފައިވަނީ އެ ބިމުގެ ވެރިފަރާތްތަކުން އެ ބިން ހަދަން ވެގެން ބޭންކުން ލޯނެއް ނަގަން ވެގެން ބިމުގެ އަގު މަތި ކުރުމުގެ ގޮތުން ވެރިފަރާތްތަކާއެކު ކުރި މުއާމަލާތެއް ކަމަށެވެ. މައުމޫން ވިދާޅުވީ އެ މުއާމަލާތް ކޮށްފައިވަނީ ބޭންކަށް އޮޅުވާލުމަށް ވެސް ނޫން ކަމަށެވެ.
"އެހެން ގައުމުތަކުގައި ހުރޭ މިކަހަލަ ކަންކަން ކުރާ އަމިއްލަ ފާމުތައް. ރާއްޖޭގައި ނެތް. މިއީ ބޭންކަށް އޮޅުވާލުމެއް ވެސް ނޫން. މިބުނަނީ ބޭންކަށް ބިމުގެ މާކެޓު ވެލިއުއަކީ މިއީއޭ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން މާލެއިން ބައްލަވައިގެންނެވި ބިމުގެ މުއާމަލާތު ކޯޓު ތެރެއިން ނިންމާ އެ ބިން މައުމޫންގެ ނަން މައްޗަށް ބަދަލުކޮށް ނިންމާފައިވާ އިރު ސަރުކާރު ހިންގާ ޕީޕިއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ދަރިފުޅުގެ ނަމުގައި އަގުބޮޑުޔ ފްލެޓެއް ބައްލަވައިގެންނެވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ޕީޕިއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ދެ ފްލެޓެއް ބައްލަވައިގެންނެވިކަން ވަނީ ފަޅާ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ