ނުހައްގު އަނިޔާގައި ސިޔާދު ގާސިމް ޖަލުގައި 60 ދުވަސް! ޚާއްސަ ޕެނަލެއް މިރޭ

ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ނުހައްގު އަނިޔާގައި ޖަލުގައި ހުންނަވާތާ މިއަދަށް 60 ދުވަސްވެފައިވާއިރު، އެކަމާއި ގުޅޭގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މިރޭ ވީޓީވީގެ މައި ސްޑޫޓިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕެނަލްގައި ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދާއި، މަޝްހޫރު ގާނޫނީ ވަކީލު ނޫރުއްސަލާމާއި، ކެލާ ދާއިރާގެ ކުރީގެ މެންބަރު ޑރ އަބުދުﷲ މައުސޫމް އަދި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭ 9:00 ފެށިގެން 11:00އަށް ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕެނަލްއާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އަމީން އާންމު އަހުމަދު ސަމީރު ވިދާޅުވީ މިފަދަ ޕެނަލެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އިބްރާހިމް ސިޔާދު ގާސިމާއިމެދު އަދުލްއިންސާފުގެވެސް ބޭރުން ހިންގަމުންދާ ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް، އާންމުންގެ ސަމާލުކަމަށް އެކަންކަން ގެނައުންކަމަށެވެ.
އަދި ސިޔާދު ގާސިމަކީ ކުޅަދާނަ ޒުވާން ވިޔަފާރިވެރިއަކަށްވީއިރު، ކުށެއްނެތި 60 ދުވަސް ޖަލުގައި ބޭއްވުމަކީ ބަލައިގަނެވޭނެކަމަކަށްނުވާތީ، ހައްގުގެ އަޑުއުފުލާ ސިޔާދަށާއި، އެނޫންވެސް ޖަލުގައި ތިވި ކުށެއްނެތް ބޭފުޅުންނަށް އިންސާފު ހޯދުމަށް ގޮވާލުންކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މިރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގަންނަވަނީ ވަރަށް ތަޖްރިބާކާރު ބޭފުޅުންކޮޅެއްކަމަށާ ޕެނަލްގައި ޖަލުތަކުގައި މިހާރު ކަންކަން ހިނގަމުންދާގޮތާއި، ގާނޫނީގޮތުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި ގުޅޭ ތަފްސީލް މައުލޫމާތުތައް ބެލުންތެރިންނަށް ހިއްސާކުރާނެކަމަށެވެ.
ނުހައްގު އަނިޔާގައި ސިޔާދު ގާސިމް ޖަލުގައި 60 ދުވަސްވުމާއި ގުޅިގެން ކުރިއަށްގެންދާ ޕެނަލް ވީޓީވީއާއި ވީއެފްއެމްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ