ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ގައެވެ.
ސިނާނުގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން އޮތްކަމާއި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުކޮށެވެ.
ސިނާނުގެ މައްސަލަވެސް ބައްލަވަމުން ގެންދަނީ ދާދި ފަހުން ކްރިމިނަލް ކޯޓަށް އައްޔަނުކުރި ގާޒީ އަހުމަދު ހައިލަމެވެ.
މިމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާގައި ސިނާނާ ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން އޭނައާ ދެކޮޅަށް 32 ހެއްކެއް ހުށައަޅާފައި ވާއިރު އޭގެ ތެރޭގައި ގިނައީ ސިއްރު ހެކިތަކެވެ. އޭގެ ތެރޭގައި ސިއްރު ހެކިބަސްދޭނެ 16 މީހަކާއި، ފުލުހުންގެ އޮފިސަރުންތަކަކާއި ސިއްރު ލިޔެކިޔުންތަކެއް ހިމެނެއެވެ.
ސިނާންގެ މައްޗަށް އުފުލާފައިވާ މިދައުވާގައި ސާފުނުވާ ގިނަ ކަންތައްތަކެއް ހުރިކަން އޭނަގެ ވަކީލު ނޫރުއްސަލާމް ވަނީ ފާހަގަކުރައްވާފައެވެ.
ސިނާނުގެ މައްޗަށް ދައުލަތުން ކުރާ މިދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލުހުކުމެއް އަންނާނެއެވެ.
މިމައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވާއިރު މިމަހުގެ 9 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލްކުރިއެވެ. ނަމަވެސް އެދުވަހު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
މެމްބަރު ސިނާންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ