މެމްބަރުކަމުން އަބްދުﷲ ވަކިވީތޯ އީސީން ބުނެއެއް ނުދިން!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން، ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ވަކިވެއްޖެތޯ ނުވަތަ ނޫންތޯ ލިއުމުން ޖަވާބެއް ދޭން އެދިވަޑައިގަތުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ސާފުކޮށް ނުދިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް މީޑިއާތަކުގައި އީސީން ބުނެފައިވީ ނަމަވެސް އަބްދުﷲ ވިދާޅުވި ގޮތުގައި، އެއްވެސް މުއައްސަސާއަކުން މިހާތަނަށް ރަސްމީކޮށް އެކަން އަންގާފައެއް ނުވެ އެވެ.
އެހެންވެ އެކަން ސާފުކޮށްދޭން މި މަހު ކުރީކޮޅު އީސީގައި ސިޓީއަކުން މި މަހު 12 ގައި އެދިވަޑައިގަތުމުން، ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ސޮއިކުރައްވައި މި މަހު 18 ގައި އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން އެކަން ސާފުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން މުއައްސަސާއެއް ކަމެއް އަދި އީސީން ސާފުކޮށްދެއްވަން އަބްދުﷲ އެދިވަޑައިގަތް އެއްވެސް ކަމަކަށް ޖަވާބު ވެސް ދެއްވާފައެއް ނުވެ އެވެ.
ސިޓީގައި އަބްދުﷲ ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައެއް ބަލާތީ ވަކިކޮށްފައިވާ ކަމަށް، އެ ޕާޓީން އިލެކްޝަނަށް އެންގީ އަމިއްލަ އަށް ވަކިވެވަޑައިގެންނެވިތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. ޕީޕީއެމްގެ މި އެންގުމާ އެއްގޮތަށް، މެމްބަރު ކަމުން އޭނާ ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ މީޑިއާ އިން ކަމަށް ސިޓީގައިވެ އެވެ.
އެ މައުލޫމާތުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގައި އޭނާ ނިސްބަތްވާ ދާއިރާ ތަމްސީލްކުރައްވަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެއީ، އޭނާގެ އިތުރުން އެ ދާއިރާގެ އެތައް ރައްޔިތުންތަކެއްގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
"އަޅުގަނޑުގެ މެމްބަރު ކަމުގެ ހައިސިއްޔަތާ މެދު ޚިލާފެއް އުފެދި، އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރެއް ނޫން ކަމަށް ތިޔަ ކޮމިޝަނުން ނިންމާފައިވާ ނަމަ އެކަން ރަސްމީކޮށް ލިއުމުން އެންގުމަކީ އަޅުގަނޑާއި އަޅުގަނޑު ތަމްސީލްކުރާ އިދާރީ ދާއިރާގެ ރައްޔިތުންގެ ވެސް ހައްގެއް ކަމުގައި ދެކެމެވެ،" ސިޓީގައި އަބްދުﷲ ވިދާޅުވެފައިވެ އެވެ.
އެހެންވެ އަބްދުﷲ އެދިވަޑައިގަތީ، އޭނާގެ ގޮނޑި ހުސްވެފައިވާ ނަމަ، އެ ނިންމުން ބިނާކުރެވޭ ގާނޫނީ އަސާސްތަކާއި ސަބަބުތައް ވެސް ހިމަނައިދެއްވައިގެން ޖަވާބު ދެއްވުމަށެވެ.
އަބްދުﷲގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދު މަޖިލީހުގައި ފުރުއްވި ގޮނޑި ހުސްވެފައިވާ ކަމަށް ވަނީ ނިންމައިފަ އެވެ.
މި ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.
ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވިޔަސް، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ