ދައުލަތަށް ފައިސާ ދައްކަން ހުރިނަމަ އަންގަން ޖެހޭނީ މީރާ އިން، އަދުރޭ އެއް ނޫން: ޖޭޕީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއް ހުރިނަމަ އެކަން އަންގާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ކަމަށާއި އެއީ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ. ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ ޓެކްސް ދައްކަން ވަކި މުއައްސަސާއެއް ކަނޑައަޅާފައި އޮންނަ ކަމަށާއި އެއީ އަދުރޭ އާ ބެހޭ ކަމެއް ނޫން ކަމަށެވެ. "ޓެކްސް ދައްކަން ވަކި ތަނެއް އޮވޭ. އަބްދުއްރަހީމް ބުންޏަސް އެ ނޫން މީހަކު ބުންޏަސް އެ ހިސާބުން އަޅުގަނޑުމެން ގަބޫލު ކުރާ ގޮތަކީ އެޔަކީ އަބްދުއްރަހީމަކާއި މުހައްމަދަކާއި ތަކުރަކާ ބެހޭ ކަމެއް ނޫން ކަމަށް. ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއް ވާނަ މީރާއިން އެވާހަކަ ވިދާޅުވޭ. ކުއްލި އަކަށް ކޮމިޝަނަރ ޖެނަލަރަ އޮފް ޓެކްސޭޝަން އަށް އަބްދުއްރަހީމް ބަދަލުވެ އެ ވިދާޅުވަނީ ވިލާ ކުންފުނިން އެބައޮތޭ ލާރި ދައްކަން،" ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް އެއްވެސް ގޮތަކުން ފައިދާހުރި މަސައްކަތަކެއް ކުރަމުންދާ ސަރުކާރެއް ނޫން ކަމަށެވެ. "އަބްދުއްރަހީމަކީ ރައީސް ޔާމީނު ފޮނުއްވައިގެން އެކަހަލަ ވާހަކަ ދައްކަން ހުންނަ ބޭފުޅެއް. އަޅުގަނޑު މި ހުރީ މި ޕާޓީގެ ފަރާތުން ވާހަކަ ދައްކަން އަބްދުއްރަހީމާއެކު. އެހެންވީމަ އަޅުގަނޑު ޔަގީން ކުރާ ގޮތުގައި ޗެޕްޓަރަކަށް ފަހު ޗެޕްޓަރެއް އަޅުގަނޑުމެން ވެސް ނެރެ ދޭނަން. އަބްދުއްރަހީމް ކެރިވަޑައިގަންނަވާ ކަމަށް ވަންޏާ،" ސަމީރު ވިދާޅުވިއެވެ. ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ހޯދަން ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އޭގެތެރެއިން ބައެއް ފައިސާ ވިލާ އިން ވަނީ ދައްކާފައެވެ. ފަހަކަށް އައިސް ޕީޕީއެމް އިން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަދުރޭ އަންނަނީ ގާސިމް ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދެއްކެވުމަށް ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ