މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާނެ - އިދިކޮޅު

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުން ރަމަޟާން މަސް އަންނަވާއިރަށް ތަކެތީގެ އަގު އުފުލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފިއެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދަނީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތުތަކެއް ކަމަށާއި ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށް އިންތިޒާމްވަމުން އައި ކަންކަން ހުއްޓުވައި، މަރުކަޒުކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށް ގޮވާލައި، ދެ ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކޮށް، މާލޭގެ ބޮޑެތި މަގުތައް ބަންދުކުރުން ފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި މާލޭގެ ޓްރެފިކްގެ މައްސަލަތަކާއި، ސާފުތާހިރުކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ.
އަދި ދުވާލުގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ދުވާލުގަޑީގައި ޓްރެފިކް މައްސަލައަށް ކޮންމެވެސް ވަރެއްގެ ވަގުތީ ލުޔެއް ލިބުނު ނަމަވެސް، އެ ނިންމުމުގެ ސަބަބުން އާންމު އިޖްތިމާޢީ އެކިމައްސަލަތައް ކުރިމަތިވާނެ ކަމަށް ވަނީ ބުނެފައެވެ.
އަދި، އެފަދަ ބޮޑެތި ނިންމުންތަކަށް އިރުއިރުކޮޅާ ބަދަލުތައް ގެނެސް ކުރިން ހެދުނު ގޯސްތައް ރަނގަޅުކުރަން އެތައް ވަގުތަކާއި ފައިސާއެއް ހޭދަކުރަން ޖެހި ބޭކާރު ގޮތެއްގައި ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލާން ޖެހުމަކީ އޭގެ ސަބަބުން އެދެވޭ އެއްވެސް ނަތީޖާއެއް ލިބޭނޭ އަދި ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ލިބޭނޭ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން މުދާ އުފުލާ އަދި ވިޔަފާރިކުރާ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި ހައްދެއްނެތި މަސައްކަތް ކުރުމުގެ ވަގުތު އިތުރުކުރުމާއެކު އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢަށާއި ޢާޢިލާތަކަށްވެސް ކުރާނެ ކަމަށް ބުންޏެވެ. އެގޮތުން ދުވާލު އަތޮޅުތަކަށް ގެންދާ ކޮންޓޭނަރުތައް ހުސްކުރުމާއި، ރޭގަނޑު މާލެތެރެއަށް ގެންދާ ތަކެތި ހުސްކުރާން ޖެހުމުން މިހާރުވެސް ބުރަކޮށް މަސައްކަތް ކުރާ މަޖޫރީންގެ މަސައްކަތުގެ ވަގުތު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.
އަދި ހަވީރު 6 ގެ ފަހުން މުދާ އުފުލާން ޖެހޭއިރު، ވެހިކަލްތައް ހޯދުމަށް ދަތިވެ، ހުސްކޮށްފައިވާ ކޮންޓޭނަރުތަކުގެ މުދާތައް ގެންދެވޭނެ ގޮތެއްނެތި މަސައްކަތްތެރިންނަށް އެތައް ބުރައަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި ކޮންޓޭނަރުތައް ހުސްނުކުރެވި ލަސްވުމުގެ ސަބަބުން އެމްޕީއެލްއަށް އެތައް ދަތިތަކާ ކުރިމަތިވާނެ ކަމަށް ބުންޏެވެ.
ރަމްޟާން މަސް ކުރިއަށް އޮތް އިރު މުދާ އުފުލާ ގަޑިތަކަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ތަކެތީގެ އަގު އެތައް ގުނައަކުން ބޮޑުވާނެކަމަށާއި މިހާރުވެސް އަގު އުފުލިފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މުދާ އުފުލުމާއި ކަސްޓަމުން މުދާ ބޭރު ކުރަން ޖެހުމުގެ ސަބަބުން މުވައްޒަފުން އެގަޑިތަކުގައި މަސައްކަތްކުރާންޖެހި، ވިޔަފާރި ކުރުމުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ހަމައެހެންމެ ޤާނޫނު އަސާސީގައި ދައުލަތް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ލާމަރުކަޒީ މުޅި ނިޒާމް ފުނޑުފުނޑުކޮށްލާ، އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ހައްލެއްނުލިބި، މާލޭގެ ޓްރެފިކް ހައްލުކުރުމުގެ ނަމުގައި ވިސްނާލުމެއްނެތި މި ސަރުކާރުން މި ގެނެއި ބަދަލުގެ ސަބަބުން މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަކެތީގެ އަގުބޮދުވުމުގެ ތަކުލީފު އުފުއްލަން ޖެހުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ ހޭދަޔާއެއްކޮށް ތަކެތީގެ އަގު ބޮޑުނުވެނުދާނެއެވެ. އަގުބޮޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަމޭ ސަރުކާރުން ބުނިކަމުގައިވިޔަސް، ޤާނޫނީ އަދި އިގްތިސާދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެފަދައައިން ބަޒާރުގެ އަގު ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ލިބިފައިނުވެއެވެ." އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ މާލެ ތޮއްޖެއްސުން ހުއްޓާލައި ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށް އިސްކަން ދިނުމަށާއި، ރައްޔިތުންނާ ސީދާ ގުޅުން ހުރިމިފަދަ ބޮޑެތި ކަންކަމުގައިސަރުކާރުން ނިންމުންތައް ނިންމުމުގެ ކުރީން އާންމު ރައްޔިތުންނާއި، މަސައްކަތްތެރިންނާއި އަދި ވިޔަފާރިވެރިންނާ ހާމަކަން ބޮޑުގޮތެއްގައި މަޝްވަރާ ކުރުމަށް ގޮވާލާފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް އެކަމުގެ ސަބަބުން މުދަލުގެ އަގަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނެފައެވެ. އަދި ތަކެތީގެ އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، އަގު ބޮޑު ނުވާނެ ކަމުުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ