ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ޖަލުގައި އެބަތިބި: ހިސާން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން އަދިވެސް 32 މީހަކު ބަންދުގައި އެބަތިބި ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއުލާންކޮށް 45 ދުވަސް ވަންދެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގައުމު ހިންގުމަށްފަހު އެ ހާލަތު ނިމުމަކަށް ގެނައީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި ކުރި ބަޔަކު ބަންދުގައި ތިބުމުން ކަންބޮޑުވުން ފާޅުކުރައްވާ ހިސާން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަތިބި ކަމަށެވެ.
ހިސާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި ބަޔަކު ދޫކޮށްލި ގޮތަށް މިހާރު ބަންދުގައި ތިބި މީހުން ވެސް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ފުލުހުންގެ އިދާރާއިން ހާމަކޮށްފައެެއް ނުވެ އެވެ. ނަމަވެސް އެ އަދަދު 300 އަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
ުކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ފުލުހުން އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދެވުނު މުޒާހަރާގެ ތެރެއިންނެވެ. އެރޭ އެކަނިވެސް ފުލުހުން ވަނީ 141 މީހަކު ހައްޔަރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ސިޔާސީ ލީޑަރުންނާއި، ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރައްވާ އޮފިސަރުން ވެސް ހިމެނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރިން ކޮމިޝަނާ އޮފް ޕޮލިސްކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ އަހްމަދު އަރީފާއި، އަބްދުﷲ ރިޔާޒާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ބައެއް މެންބަރުން އަދިވެސް ތިއްބެވީ ޖަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ