2018 ގައި ޖުޑީޝަރީގެ ތެރެއިން އެއްވެސް ހެޔޮ ބަދަލެއް ނުފެންނާނެ: މަހުފޫޒް

މި ފެށުނު 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމްގެ ތެރެއިން އެއްވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޖުޑީޝަރީ އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.
 
ރާއްޖެޓީވީގެ ފަނޑިޔާރުގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުފޫޒް ސައީދު ވިދާޅުވީ 2018 ވަނަ އަހަރުވެސް ޖުޑީޝަރީގެ ތެރެއިން އެއްވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، ޖުޑީޝަރީ އިސްލާހުކޮށް، ހަމަ މަގަށް އެޅުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އެކަމުގައި ގިނަ ބަޔަކު ވާހަކަ ދައްކަންޖެހޭ ކަމަށާއި، އެންމެ މުހިންމު ކަމެއްގެ ގޮތުން ޖުޑީޝަރީ އިސްލާހުކުރުމަށް އާންމު ރައްޔިތުން ބަރު އަޅުއްވަންޖެހޭކަމަށް މަހުފޫޒް ވިދާޅުވި އެވެ.
 
"ޖުޑީޝަރީ އިސްލާހުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން މެނުވީ މިހާރު މި އޮތް ޖުޑީޝަރީގެ ތެރެއިން އަޅުގަނޑަކަށް ނުފެނޭ އެއްވެސް އުއްމީދެއް. އެއްވެސް ކަމެއް ރަނގަޅަށް ގޮސްދާނެކަމަކަށް." 2018 ގައި ޖުޑީޝަރީ ފެނިގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަހުފޫޒް ވިދާޅުވި އެވެ.
 
2018 ވަނަ އަހަރަކީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި އަހަރަކަށްވާނެކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މަހުފޫޒް ވިދާޅުވީ، ސިޔާސީ މަސްރަހު ހަލަބޮލިވެގެންދާއިރު، ޝަރުއީ ދާއިރާއަކީ މިނިވަން ތަނެއްކަން ފަނޑިޔާރުންގެ ހަނދުމަފުޅުގައި ބަހައްޓަވަން ޖެހޭކަމަށެވެ. އަދި ފަނޑިޔާރުންނަކީ ސިޔާސީ މީހުންގެ ސިޔާސީ ބޭނުންތައް ފުއްދައިދިނުމަށް ތިބި އެޖެންޓުން ނޫންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށް މަހުފޫޒް ވިދާޅުވި އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ