އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނު މީހާ ޝަހީދު ކޮށްލާފައިވަނީ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އޮންނަ ސިލްވާދު އަވަށް ކައިރީގައެވެ. ސިލްވާދަކީ އިސްރާއީލުން ގަވާއިދާ ޚިލާފަށް ހަދާފައިވާ "އޮފްރާ" ނަމަކަށްކިޔާ ޔަހޫދީ އާބާދީއާ ޖެހިގެން އޮންނަ ފަލަސްތީނުގެ އަވަށެވެ.
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނާގެ ގަޔަށް ބަޑިޖެހީ، ޔަހޫދީ އާބާދީ ކައިރީގައި އިސްރާއީލުން ހަދާފައިވާ ޕޯސްޓާ ދިމާއަށް ދުވެފައި އަންނާން ފެށުމުންކަމަށް އިސްރާއީލު ސިފައިން ބުނެފައި ވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނީ ސިފައިންގެ މިހަމަލާގައި ޝަހީދު ވެފައިވަނީ އުމުރުން 38 އަހަރުގެ އިޔާދު ހާމިދު ނަމަކަށްކިޔާ މީހެއް ކަމަށެވެ. އޭނާއަކީ ދެކުދިންގެ ބައްޕައެއް ކަމަށްވެސް ބުނެފައި ވެއެވެ.
ފަލަސްތީނުގެ ސަލާމަތީ ފަރާތްތަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި އިޔާދަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށާއި، އޭނާއަކީ މިހާރުވެސް ސިކުނޑީގެ ބައްޔަށް ބޭސްކުރަމުންދާ މީހެއް ކަމަށެވެ.
ފަލަސްތީނުގެ ސިލްވާދު އަވަށް ކައިރީގައި އިސްރާއީލު ސިފައިން ހަދާފައިވާ ޕޯސްޓް ހުންނަ ސަރަހައްދަކީ، ޔަހޫދީންނަށާއި، އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ފަލަސްތީނުގެ ޒުވާނުންގެ އޮށްގަލުގެ ހަމަލާތައް ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ކުރިމަތިވާ ސަރަހައްދެއްކަމަށް ވެއެވެ.
އިސްރާއީލު ސިފައިން މިއަދު ބަޑިޖެހިއިރު އެހިސާބުގައި ހުރި ފަލަސްތީނު މީހަކު ބުނެފައިވަނީ، އިސްރާއީލު ސިފައިން އިޔާދު ހާމިދުއާ ދިމާއަށް ފަސް ފަހަރު ބަޑިޖެހި ކަމަށާއި، އޭގެފަހުން އޭނާގެ ހަށިގަނޑު ނަގައިގެން ގެންދިޔައީ ކަމަށެވެ.
އެތަނަށް ފަލަސްތީނުގެ އެމްބިއުލެންސް ދިއުމުން، އެމްބިއުލެންސް އަނބުރާ ފޮނުވާލި ކަމަށްވެސް މަންޒަރު ދުށް މީހާ ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ