މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑި، ބައެއް ލިފްޓްތަކުގައި މީހުން ތާށިވެއްޖެ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ބައެއް ލިފްޓްތަކުގައި މީހުން ތާށިވެއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައި ވަނީ މިއަދު 12 ޖަހާކަން ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ހުޅުމާލެ، އަދި މާލޭގެ މާފަންނު، އަދި ގަލޮޅުގެ އެކި ހިސާބުތަކުގައި ވެސް ކަރަންޓު ކެނޑުނެވެ.
އެމްއެންޑީއެފް އިން ބުނީ ކަރަންޓު ދިއުމުގެ ސަބަބުން ހަތަރު އިމާރާތެއްގެ ލިފްޓް ހުއްޓުމުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން އިމާރާތުގެ ލިފްޓް މިހާރު ހުޅުވައިދީފައިވާ އިރު އަނެއް އިމާރާތުގެ ލިފްޓު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މިހާރު ހުޅުވުމުގެ މަސައްކަތް ކުރަނީ "މާލެ ގްރޭންޑް" ލިފްޓު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދިން ލިފްޓުތަކުގެ ތެރޭގައި މާލެ ގްރޭންޑް، ކުރީގެ އާލިއާ ސްކޫލާއި ވެލާނާގެ އިތުރުން މާފަންނު މަދަރުސާ ކައިރީގައި ހުންނަ މޯލްޑިވިއަން އިމާރާތް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ