ސިޓީ ކައުންސިލުން މާލެއަށް ސްކޫލް ބަސް ތައާރަފުކުރަނީ

މާލޭ ސިޓީ ކައުންސިލުން މާލޭގައި ސްކޫލް ބަސް ތައާރަފުކުރުމަށް ނިންމައިފިއެވެ. މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ޕަބްލިކް ބަސް ސާވިސް ތައާރަފުކުރުމަކީ އެ ކައުންސިލުގެ ވިސްނުމެއްކަމަށެވެ. އަދި މިހާރު އެކަންކުރަން ނިންމާފައިވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. "ދެން އެކަމުގައިވެސް ރައްޔިތުންގެ ހިޔާލު އަޅުގަނޑުމެން އެބަ ބޭނުންވޭ. ކޮން ގޮތަކަށްތޯ ކުރިޔަށް ގެންދަން ބޭނުންވަނީ،" މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުގެ ވިސްނުމަކީ އެ ކަައުންސިލުން ދޭ ބަހުގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ގެންދިޔުންކަމަށެވެ. އަދި އެކަން ކުރުމަށް ކައުންސިލްގެ އެހީތެރިކަން މިނިސްޓްރީއަަށް ލިބިގެންދާނެކަމަށާއި ރައްޔިތުންގެ ބައިވެރިއެއްގެ ގޮތުގައި ކައުންސިލުން މި މަސައްކަތުގައި ހަރަކާތްތެރިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. "އަޅުގަނޑުމެން ޔަގީން ކުރަން ބޭނުންވޭ މާލޭ ސިޓީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމް ގާއިމުވެގެންދާނެކަމަށް، ޕަބްލިކް ޓްރާންސްޕޯޓް އޮތުމަކީ މާލޭގެ ޓްރެފިކް މައްސަލައަށް ވަރަށް މުހިންމު ހައްލެއް ގެނެސްދޭނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު މިއީ ވަރަަށް ގިނަ ބަޔަކު އެދޭ ކަމެއްކަމަށާއި ރަނގަޅު ބަސްތަކެއް ގެނެސް ހިދުމަތް ލިބިގެން ދިޔުމުން އާންމުންނަށްވެސް އެތައް ފަސޭހައެއް ލިބިގެންދާނެކަމަށެވެ. "ހިދުމަތް ރަނގަޅިއްޔާ، އަގުތައް ރަނގަޅިއްޔާ، ބަސްތައް ސާފު ތާހިރު ނަމަ އެ ބަސްތަކަށް މީހުން އަަރާނެ. ކުރީގައި މާލޭގައި ތައާރަފު ކުރި ބަސްތައް އެކި ސަބަބުތަކާ ހެދި ހުއްޓުނީ. އަޅުގަނޑުމެން ސިޓީ ކަައުންސިލުން ބޭނުން މިފަހަރު ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތްކޮށްގެން ނަތީޖާ ނެރެދޭން،'' މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުންގެ ހިޔާލު ހޯދާ އެއާ އެއްގޮތަށް މަސައްކަތް ކުރާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ސިޓީ ކައުންސިލުން ސްކޫލު ބަސް ތައާރަފްކުރަން ނިންމާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މީގެ ކުރިން މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ދޭނެކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ އަދިވެސް އެ ހިދުމަތް ފެށޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ