އަޅުގަނޑު ނިންމައިގެން ހުރި ގޮތް ނުވަ ދުވަސް ތެރޭ އިއުލާން ކުރާނަން: މައުމޫން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ނުވަތަ ނޫންތޯ ކުރިއަށް އޮތް ނުވަ ދުވަސް ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާން ކަންތައް ކުރައްވާނެ ގޮތެއް މިހާރު ނިންމަވާފައި އޮތް ނަމަވެސް އެކަން މި ވަގުތު ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމުގެ ވަގުތު ޖެހުމުން އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ވަނީ އިރާދަ ކުރެއްވިއްޔާ ކަންތައް ކުރާނެ ގޮތެއް ނިންމާފައި. އެކަމަކު އެކަން އަޅުގަނޑު އިއުލާނު ކުރާކަށް ބޭނުމެއް ނޫން މި ތާކު. އޭގެ ވަގުތު އައީމާ އިއުލާނު ކުރާނަން. ކިހިނެއްކަން ހަދާނީ. އަދި ކޮންމެ ގޮތެއްގައި ވިޔަސް ދެން ބާކީ އޮތީ ނުވަ ދުވަސް. މި ނުވަ ދުވަސް ނިމޭ އިރު އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކުރިމަތި ލީތޯ ނުވަތަ ނުލާތޯ،"
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު އެވެ.
ގައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްސީލުކުރުމާ ބެހޭ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިއްޔެ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ