ސަރުކާރުގެ ޚަރަދު ކުޑަކުއްވަން ބޭނުންފުޅުވާނަމަ މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލިސް އުވާލަން ހައްދުންމަތީ ގަމު ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
ކާޑުގެ ސަބްސިޑީ އަށް ސަރުކާރުން ގެންނެވި ބަދަލާއި ގުޅިގެން "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރު ފައްޔާޒް ވިދާޅުވީ "މިގައުމުގައި މިހިނގާ ހުރިހާ ކަމެއްގެ ޒިންމާ މަޖިލިސް އިން ނަގަން ޖެހޭނެ" ކަމަށެވެ.
"ޚަރަދު ކުޑަކުރަންޏާ މިހާރުން މިހާރަށް މަޖިލިސް އުވާލަންވީ. ރައްޔިތުންނަށް ގެއްލުން ކުރަން އެމަޖިލިސް ބާއްވާނެ ކަމެއް ނެތް." ފައްޔާޒް ވިދާޅުވިއެވެ.
މަޖިލިސް އުވާލުމުގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދު ކުރަން ވެސް އޭނާ ގޮވާލެއްވިއެވެ.
ސަބްސިޑީ އަށް ބަދަލު ގެނައީ ބޭރުގެ މާލީ އިދާރާތަކުގެ ގޮވާލުންތަކަށް އިޖާބަދެއްވަން ކަމަށް ސަރުކާރުން މިއަދު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެމުން ފައްޔާޒް މިރޭ ވިދާޅުވީ ސަބްސިޑީ ކަނޑާލީ ބޭރުގެ މާލީ އިދާރާތަކުން ބުނެގެން ނޫން ކަމަށެވެ.
ފައްޔާޒް މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ވޯލްޑް ބޭންކާއި އައިއެމްއެފް އިން ނެރުއްވާފައިވާ ތަފާތު ރިޕޯޓްތަކުގައި ވެސް ރާއްޖޭގައި ސަބްސިޑީ ދެމުން އަންނަ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ސަބްސިޑީ ދެމުން އަންނަ އުސޫލަށް ބަދަލު ގެންނަން އެތައް ފަހަރަކު ގޮވާލާފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް އުވާލަން ގަމު ދާއިރާގެ މެންބަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ