ސްޓެލްކޯގެ އަމާޒު: އިޔާދަކުރަނިވި ހަކަތައިން 24 ގަޑިއިރު ކަރަންޓު ދިނުން
ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ 24 ގަޑިއިރުގެ ކަރަންޓު ހިދުމަތް އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ. ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ކަނޑާއި ފަޅުގެ ވަސީލަތްތަކުން 24 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދިނުމަށް ކުރާ ދިރާސާތައް އިތުރުކުރައްވާނެ ކަމަށެވެ. "ކަނޑާއި ފަޅުގެ ވަސީލަތްތަކަކީ ދިވެހިންނަށް ފަހި ރޯއްޖެއް. އީޖާދީ ގޮތްތަކުގެ ތެރެއިން ކަނޑާއި ފަޅުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޔާދަކުރަނިވި ހަކަތައިން 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ ދިރާސާތައް އިތުރުކޮށް، މި ހިދުމަތް ގާއިމު ކުރުމަށްފަހު ސްޓެލްކޯގެ އަމިއްލަ ފިކުރީ ނިޒާމެއްގެ ގޮތުގައި މި ނިޒާމު ކަނޑައެޅުމަކީ މި ކުންފުނީގެ ދުރު މުސްތަގްބަލުގެ އަމާޒެއް." މުޣުނީ ވިދާޅުވި އެވެ. މާޗް 4، 2020: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ އެއާއެކު ތެލުން ލިބޭ އާމްދަނީއަށް ސްޓެލްކޯ ބަރޯސާވެފައި އޮންނަ އޮތުން ބަދަލުވެ، ފުރިހަމަ އިންޖިނައިރިން ކުންފުންޏަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ. "މި ހިދުމަތަށް (ކަރަންޓުގެ ހިދުމަތަށް) 70 އަހަރާއެކު ގްރޭޓާ މާލެ ސަރަހައްދު އެއް ވިއުގައަކުން ގުޅާލައި އެ ނިޒާމުގެ ތެރެއިން ގްރޭޓާ މާލޭގެ ހުރިހާ ޕަވަހައުސްތަކެއް ގުޅާލުމާއި އަދި ކަރަންޓު ވިއްކައިގެން އާމްދަނީ ހޯދަން ސްޓެލްކޯއިން ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ދާއިރާގައި ފުރިހަމަ އިންޖިނިއަރިން ކުންފުންޏެއްގެ ގޮތުގައި ބައްޓަންކޮށް، ގިނަ އިންވެސްޓުމަންޓުތަކެއް މި ދާއިރާގައި ކުރުމަކީ ކުރު މުސްތަގްބަލުގެ ލަނޑުދަނޑި." މުޣުނީ ވިދާޅުވި އެވެ. ރޭ ބޭއްވި އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ. އެ ޖަލްސާގައި ރައީސް ޞާލިހު ވަނީ ސްޓެލްކޯގެ "ގްރީން ލައިފް އިނީޝިއޭޓިވް" މަޝްރޫއު ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ. އެ މަޝްރޫއުގެ މައިގަނޑު އަސާސަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނެ، ތިމާވެއްޓާ ލިބޭ ގެއްލުން ކުޑަ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ