އީސީން ބުނަނީ "ވަގަށް" ޕާޓީތަކަށް ވެއްދުން ހައްލުވެއްޖެ ކަމަށް!

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގައި އޮންލައިން ނިޒާމަށް އަމަލުކުރަން ފެށި ފަހުން ނޭނގި - ވަގަށް މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.  ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ.އެގޮތުން "ސިމެދަ" ޕޯޓަލް ތައާރަފުކޮށް، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.ޒަކަރިއްޔާ ވިދާޅުވީ އެ ޕޯޓަލާއެކު ވެސް ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ ކޮމިޝަނަށް ލިބެމުން އައި ކަމަށެވެ. އަދި އީފާސްގެ ތެރެއިން ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން ބަދަލުކުރީ އެކަން ހައްލު ކުރުމަށް ކަމަށް ކަމަށް ވިދާޅުވި އެވެ. ޒަކަރިއްޔާ ވިދާޅުވީ މީގެ ކުރިން ޕާޓީތަކަށް ވައްދާ މީހުންގެ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ނުކުރެވެނީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރައްޖޭގައި ހިންގާ އިރު އެކަންްކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށެވެ."ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ތެރެއަށް ނިޒާމު ބަދަލު ގެނައި ފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލު ކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެ ކަމަށް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން."މިހާރު މި އޮތް ނިޒާމުގެ ތެރެއިން އޮންނާނީ ސައްހަ ދަފުތަރުތަކެއް ކަމުގެ ޔަގީންކަން ހަސަން ދެއްވި އެވެ. ހަސަން ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުންކުރާ މަސައްކަތްތައް ބިނާވެގެންދާނީ ޕާޓީތަކާއި އާންމު މެންބަރުންނަށް ދިމާވާ ދަތިތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ހައްލުތައް ހޯދައިދިނުމަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ