މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރުގެ މަގާމުން އިސްހާގު އަހުމަދު ވަކިކުރުމަކީ ފޫނުބެއްދޭވަރުގެ ކަމެއް ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހު މިފަދައިން ވިދަޅުވެފައިމިވަނީ، ވަޒީފާއިން ވަކިކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް އިސްހާގު ބުނެފައިވާ ވަގުތެއްގައެވެ.
ވީނިއުސް އާއި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެންމެ ފުރަތަމަ މިނިސްޓްރީ އުފެދިގެން އައީ 5 ބޭފުޅުންގެ މައްޗަށް ކަމަށާއި މިނިސްޓްރީ ހިނގަމުން އައީ އެންސީއައިޓީގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
މިނިސްޓްރީއަށް ސިވިލް ސާވިސް މުވައްޒަފަކުވެސް ލިބުނީ ވަރަށް ގިނަ ދުވަހުންކަން ފާހަގަ ކުރައްވާ އަލީ ސޯލިހު ވިދާޅުވީ، މިނިސްޓްރީގެ މަގާމުތަކަށް ބެފުޅުން އައްޔަންކުރީ އިއުލާންކޮށްގެން ކަމަށާއި އެންސީއައިޓީގެ އެޗްއާރު ޑިޕާޓްމަންޓާއި ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދެވުނު ކަމަށެވެ.
އިންޓަވިއުކޮށް އެ ހުރިހާ މަސައްކަތެއްކުރީ ސިވިލް ސާވިސް ކޮމިޝަނުންކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ، އިސްހާގު މަގާމުން ބޭރުކޮށްފައިއޮތީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި އެކަމަކީ އެންމެ ރަނގަޅަށް ކޮށްފައިވާ ކަމެއް ނޫންކަމަށް މިނިސްޓަރ މަލީހުވެސް ގަބޫލު ކުރައްވާ ކަމަށާއި އިސްހާގުގެ ކޭސްގައި މިނިސްޓަރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އިސްހާގު އެމަގާމަށް އައްޔަން ކުރިތާ އަހަރަކާއި ގާތްވަމުން އަންނިކޮށް އެފިޔަވަޅު އެގޮތަށް ނޭޅޭނެ ކަމަށް އެ ސިޓީގެ ޖަވާބުގައި މިނިސްޓަރ މަލީހު ވިދާޅުވެފައިވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި އެއީ އިންސާފުނޫން ކަމަށާއި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ބަޔާންކޮށް މިނިސްޓަރ ސިޓީއެއް ފޮނުވި ކަމަށާއި އަދި އެކަމަކީ ބޭއިންސާފުން ކުރާ ކަމަކަށްވުމުން އެކަމުގައި ވަރަށް ބޮޑަށް ލަފާ ދެއްވިކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
މިކަމަކީ ސިވިލް ސާވިސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ނުބަލާ އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާ އަލީ ސޯލިހު ވިދާޅުވީ، މިކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އަދި އެކަމުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ އިހުމާލެއް ނެތްކަމަށާއި އިސްހާގު ވަކިކުރުމަށް ނުފެންނަ ކަމަށް ތަކުރާރުކޮށް ބުނެފައިވާނޭ ކަމަށާއި އިސްހާގު ވަކިކޮށް އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުމަށް ނުފެންނަ ކަމަށް މިނިސްޓަރު ލަފާދެއްވި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ސިވިލް ސާވިސް ކޮމިޝަން މިއަށްވުރެ ބޮޑަށް ޒިންމާދާރު ވާންޖެހޭކަން ފާހަގަ ކުރައްވާ އަލީ ސޯލިހު ވިދާޅުވީ، ވަޒީފާތަކަށް މީހުން ނެގުމުގައާއި މީހުން ވަކިކުރުމުގައި އެ ކޮމިޝަނުން ޒިންމާދާރުވާންޖެހޭ ކަމަށެވެ. އެގޮތުން އިންޓަވިއު ޕެނަލަކުން މީހަކަށް މާކްސްދީ ނިމުމަށްފަހު އެކަމުގައި ގޯސް ހަދާފައިވާނަމަ ފިޔަވަޅު އަޅަންވާނީ އެ ޕެނަލުގައި ތިބި މީހުންނަށް ކަމަށާއި އިންޓަވިއުއިން ފާސްވާ މީހާއި ދޭތެރޭ ނޫންކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ. ކޮމިޝަންގެ އަމަލުތައް ހުންނަގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވެއްޓޭ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އިސްހާގު އަހުމަދު ވަކިކުރުމަކީ ފޫނުބެއްދޭވަރުގެ ކަމެއް: އަލީ ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ