ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަކީ ޕީޕީއެމްގެ މެންބަރެއްކަމަށާ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ހައްގެއްކަން ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި އެމަނިކްފާނު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެންބަރު، އަދި ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ޕީޕީއެމް ތަމްސީލު ކުރައްވަމުން ގެންދަވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަކީ މިހާރުވެސް އެޕާޓީގެ މެންބަރެއްކަމަށެވެ.
ފާރިސް މައުމޫން އަކީ ޕާޓީގެ ގައުމީ ޖަލްސާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅާކަމަށާ އެމަނިކުފާނު ޕާޓީއިން ވަކި ކުރިކަމަށް ބުނާއިރު ޕާޓީގެ އެއްވެސް ގުނަވަނަކުން ފާރިސް ވަކި ކުރިކަމަށް ބުނާ ޕާޓީގެ އެއްވެސް ލިޔުމެއް މިއަދާއި ހަމައަށް އެމަނިކުފާނަށް ލިބިވަޑައިގަންފައެއް ނުވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ޕީޕީއެމް އިން އެމަނިކުފާނު ވަކިކުރިކަމަށް ބުނާ މައްސަލަ ފާރިސް ވަނީ ކޯޓަށް ހުށަހަޅުއްވާފައިކަމަށާ އެ މައްސަލާގައި މިއަދާއި ހަމައަށް އާއިރުވެސް ގޮތެއް ނިންމާފައި ނުވާއިރު ފާރިސް ޕާޓީއިން ވަކިވިކަމަށް ބެލެވޭނެ ޖާގައެއް އޮތްކަމަކަށް ނުދެކޭކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެމައްސަލަ 6 އެއްކަ ފަހަރު މަތިން މަދަނީ ކޯޓުގައި ޝެޑިއުލް ކުރެވި މައްސަލަ ކުރިޔަށް ނުގެންދެވިފައިވަނީ އެމައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުން ހާޒިރުނުވުމުގެ ސަބަބުންކަމަށް މައުމޫންގެ ބަޔާންގައި ވަނީ ފާހަގަކުރައްވާފައެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުތަކާއި ޚިލާފަށް ފާރިސް މައުމޫން އެއްވެސް ކަމެއް ކުރައްވަމަކުން ގެންދަވާފައިނުވާކަމަށާ ފާރިސް މައުމޫން މި ވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ، ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، ޕާޓީގެ ރައީސް ރައީސްގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވަމުންގެންދަވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއްކަމަށެވެ.
މިފަދަ ގައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާ އަދި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެން ވާ ހައްގެއްއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ފާރިސްއަކީ ޕީޕީއެމްގެ މެންބަރެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ