މަޖިލީސް މެމްބަރު އިލްޔާސް ލަބީބް ޕޮލިހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށް މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވުމަށް ފަހު އޭނާ ވިދާޅުވީ ފުލުހުން ސުވާލުކޮށްފައި ވަނީ އޮގަސްޓް 31 ގައި އޯކިޑްމަގުގައި އެމްޑީޕީން ކުރި މުޒާހާރާއަކާ ގުޅިގެން ކަމަށެވެ. އެ މުޒާހަރާގައި ސަލާމަތީ ބާރުތަކުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް އޭނާ ވެންނެވި ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑު [ފުލުސް އޮފީހުގައި] ބޭނުންކުރީ ހަނުހުރުމުގެ ހައްގު. އަޅުގަނޑަށް ޗިޓް ފޮނުވިއިރު އޭގައި އަޅުގަނޑު ހާޒިރުކުރަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނޭނގެ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް، ގާނޫނު އަސާސީ އާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް މިހާތަނަށް ކުރައްވާފައި ނޯންނާނެ ކަމަށެވެ. މިދިޔަ މަހުގެ މައްސަލައެއްގައި ތިން ހަފުތާއެއްހާ ދުވަސް ފަހުން ސުވާލުކުރަން ހާޒިރުކުރީ އެ މައްސަލާގައި ބޭނުންވާ ހެކި ހޯދުމަށް ކަމަށް ވެސް ފުލުހުން ބުނި ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މައްސަލަ ނިންމުމަށް ފަހު ހާޒިރު މިކުރީ. އަންނަ ހަފުތާ ތެރޭގައި އެ މައްސަލަ ޕީޖީ އަށް ފޮނުވާނެ ކަމަށް [ފުލުހުން] ބުނި،" އިލްޔާސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ އިލްޔާސް ހާޒިރުކޮށްފައި ވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުންގެ ބެރިކޭޑް ހުރަސްކުރައްވައި ހަމަނުޖެހުން ހިންގައި މަސްލަހަތު ނަގާލުމަށް ހިތްވަރުދެއްވާފައިވާތީ ކަމަށެވެ.
އެމްޑީޕީން ކުރި މުޒާހަރާތަކުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އިލްޔާސްގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއްގެ މެމްބަރުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ބައެއް މެމްބަރުންނާ ދެކޮޅަށް ދައުވާކުރުމަށް މިހާރު ވަނީ ޕީޖީގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ