"ހަވީރު"ގެ ރޯދަ ކްއިޒަށް ފުރަތަމަ ދުވަހު ވެސް ހާހެއްހާ މީހުން

މި ރޯދަމަހު "ހަވީރު" ކިއުންތެރިންނަށް ޚާއްސަކޮށްފައިވާ އޮންލައިން ސަފުހާގައި ހިމެނޭ ރޯދަ ކްއިޒުގެ ސުވާލުތަކަށް ޖަވާބު ދޭން އިއްޔެ އެކަނި ވެސް ހާހެއްހާ މީހުން މަސައްކަތްކޮށްފި އެވެ.ބީއެޗުއެމް އިން ސްޕޮންސާކޮށްފައިވާ މި ކްއިޒްގެ އެއް ވަނަ އަށް 10،000ރ، ދެ ވަނަ އަށް، 5،000ރ އަދި ތިން ވަނަ އަށް 3،000ރ ހުށަހަޅާފައިވެ އެވެ.ކްއިޒްގައި ހިމެނެނީ 50 ސުވާލެވެ. އެއް ވަނަ ލިބޭނީ އެންމެ މަދު ފަހަރު މަސައްކަތްކޮށްގެން އެންމެ އަވަހަށް، އެންމެ ގިނަ ޖަވާބު ދިމާކުރާ މީހަކަށެވެ. ދެ ވަނަ އާއި ތިން ވަނަ ވެސް ހޮވާނީ އެ އުސޫލުންނެވެ."އިއްޔެ އެކަނި ވެސް އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް ހާހެއްހާ މީހުން ބައިވެރިވެ 2،500 އަށް ވުރެ ގިނަ ފަހަރު ސުވާލުތަކަށް ޖަވާބު ދޭން އުޅެފައިވާ ކަން. މިއީ އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް،" ހަވީރުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝައްމޫން އަފީފް ވިދާޅުވި އެވެ."އެ ނިސްބަތުން ދަންޏާ އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް މިއީ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކްއިޒް މުބާރާތަކަށް ވާނެކަމުގެ. އާންމުންގެ ތެރޭގައި ވަރަށް މަގުބޫލް ކްއިޒަކަށް މިހާރު ވެސް ވެފައި މި އޮތީ."ހަވީރު ކްއިޒްގައި ބޮޑަށް ހިމެނެނީ ރާއްޖޭގެ ޚަބަރުތަކާ ބެހޭ ސުވާލުތަކެވެ. އޭގެ ތެރޭގައި ކުޅިވަރާއި ދިވެހި ފިލްމުތަކާ ބެހޭ ބައެއް ސުވާލުތައް ވެސް ހިމެނެ އެވެ. އަދި ސީދާ "ހަވީރާ" ބެހޭ ސުވާލުތައް ވެސް ވާނީ ދީފަ އެވެ.ކިއުންތެރިންނަށް ހުޅުވާލައިގެން އަދި އަގުބޮޑު އިނާމު ލިބޭ އެހެން މުބާރާތްތަކެއް ވެސް ރޯދަމަހު "ހަވީރު އޮންލައިނުން" ކުރިއަށް ގެންދެ އެވެ. އޭގެ ތެރޭގައި ކުރު ވާހަކަ މުބާރާތަކާއި ފޮޓޯ ފޮނުވުމުގެ މުބާރާތެއް ހިމެނެ އެވެ.ފޮޓޯ މުބާރާތުގައި ބައިވެރިކުރުމަށް ފޮނުވާ ފޮޓޯތައް ފެންނަ ސެކްޝަން: މި މުބާރާތައް ވެސް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވޭ. ފޮޓޯ މުބާރާތުގައި ބައިވެރިވުމަށް، ރޯދަމަހު އެ މީހެއްގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތާއި ކުރާ އެކި ކަންތައްތަކުގެ ފޮޓޯ 7901236 އަށް ވައިބާ މެދުވެރިކޮށް ފޮނުވުމުން އެ ފޮޓޯއެއް "ހަވީރު އޮންލައިން"ގެ ހާއްސަ ސެކްޝަނެއްގައި ޝާއިއުކުރާނެ އެވެ. ފޮޓޯ ފޮނުވާއިރު އެ ފޮޓޯއަކުން ދައްކުވައިދޭ އެއްޗެއް ލިޔެލަންވާނެ އެވެ. އަދި އެ ފޮޓޯ ފޮނުވާ މީހެއްގެ ނަން ވެސް ހިމަނަންޖެހޭނެ އެވެ. އިނާމު ލިބޭނީ އެ ސެކްޝަންގައި ހުންނަ ފޮޓޯތަކުގެ ތެރޭން، ރޯދަމަސް ނިމޭއިރު އެންމެ ގިނަ "ފޭސްބުކް ލައިކް" ލިބޭ ތިން ފޮޓޯއަކަށެވެ.ފޮޓޯ މުބާރާތުން އެއް ވަނަ އަށް ލިބެނީ އީވޯ ހޯމް އިން ހަދިޔާކުރާ 17،000ރ ގެ މީޑިއާ ސެޓެކެވެ. ދެ ވަނަ 5،000ރ ގެ އިތުރުން ބްރޮދާ ބްރޭންޑްގެ ކުލަ ޕްރިންޓަރެއް ލިބޭނެ އެވެ. ތިން ވަނަ އަށް ކަނޑައަޅާފައި ވަނީ 3،000ރ އެވެ.ކިއުންތެރިންގެ ކުރު ވާހަކަ މުބާރާތް "ހަވީރު ފިނި" ސްޕޮންސަކޮށްފައި ވަނީ އެންޒީގެ ފަރާތުންނެވެ. މި މުބާރާތުގެ އެއް ވަނަ އަށް 10،000ރ ދެ ވަނަ އަށް 5،000 އަދި ތިން ވަނަ އަށް 3،000ރ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ