ހައްޖު ކޯޓާ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ނުލިބުނު ހަތަރު ޖަމާއަތަކުން ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
އަލްމަނާސިކް ހައްޖު އެންޑް ގްރޫޕާއި ކްލެސިކް ހައްޖު ގްރޫޕާއި އަލް ފަތުހު ހައްޖު ގްރޫޕްގެ އިތުރުން އަލްސަފާ ހައްޖު ގްރޫޕްގެ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ބިޑްތައް މިނިސްޓްރީން އިވެލުއޭޓް ނުކުރުމުންނެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމާ އެކު އެ މައްސަލައިގެ ތެރެއަށް ވަދެފައިވަނީ ޒަމްޒަމް އެޗް އެންޑް ޔޫ ޓްރެވަލް ގްރޫޕާއި އެސްބީޓީ ގްރޫޕްގެ އިތުރުން މިނާ ހައްޖު ގްރޫޕާއި ހަމަލަތުލް އިޚްލާސް ލިލް ހައްޖި ވަލް އުމްރާ ގްރޫޕެވެ.
އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުނެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދާތީ އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ މަޑުޖައްސާލާފައިވާކަން ދައުލަތުގެ ބަހުން ވެސް އެނގޭ ކަމަށެވެ. އެހެންކަމުން މިހާރު އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައިވަނީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތާއި މައްސަލައިގެ ތެރެއަށް ވަތް ފަރާތްތަކުގެ ވާހަކަތައް އަޑުއެހުމަށް ފަހު މުޅި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ ހުކުމް ވީ އެންމެ އަވަހަކަށް އިއްވާނެ ކަމަށެވެ. ނަމަވެސް ހުކުމް އިއްވާނެ ތާރީހެއް ފަނޑިޔާރުން ވިދާޅެއް ނުވެއެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިއާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުލްޣަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ