މަނަދޫގައި އެއާޕޯޓެއް އަޅަން ބިން ހޯދަން ސަރުކާރުން އެދިފައިވާ ކަމަށް މެމްބަރު އުމަރު ވިދާޅުވެއްޖެ

ނ. މަނަދޫގައި އެއާޕޯޓެއް އަޅަން ބިމެއް ހޯދައިދޭން ރަށު ކައުންސިލާ މަޝްވަރާކުރަން ސަރުކާރުން އެދިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
މަނަދޫއާ އަވަށްޓެރި ނ. މާފަރުގައި އަޅަން ނިންމާފައިވާ އެއާޕޯޓް މަނަދު އަށް ބަދަލުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން "ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން އުމަރު ވިދާޅުވީ މާފަރު އެއާޕޯޓް މަނަދު އަށް ބަދަލުކުރަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި މަނަދޫގައި އަޅަނީ އިތުރު އެއާޕޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެއާޕޯޓް އަޅަން ކައުންސިލުން ވެސް ނިންމާފައިވާތީ އެކަން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މާފަރު އެއާޕޯޓެއް ނޫން މަނަދު އަށް ބަދަލުވަނީކީ. އަޅުގަނޑު އެއްވެސް ހާލެއްގައި އެހެން ]މާފަރު އެއާޕޯޓް ބަދަލުކުރަން އުޅޭ ވާހަކަ[ ބުނެފައެއް ނޯންނާނެ. މުޅިން ވަކި އެއްޗެއް އެއީ. އެއާ ގުޅުން ހުރި ކަމެއް ނޫން އެއީ،" ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެންބަރު ވިދާޅުވި އެވެ.
މަނަދު އާއި މާފަރު އޮންނަނީ އިންޖީނު ދޯންޏެއްގައި ބައިގަޑި އިރުން ދެވޭހާ ކައިރީގަ އެވެ.
އުމަރު ވިދާޅުވީ މާފަރުގައި އެއާޕޯޓެއް އަޅަން މަސައްކަތްކުރާ އިރު މަނަދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ވިސްނަނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މަނަދޫގައި އެއާޕޯޓެއް އަޅާނެ ތަން ހޯދަން ކައުންސިލާ ވާހަކަ ދައްކަން ސަރުކާރުން އެދުނު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް އެބަ ގެންދެ އެވެ.
މަނަދޫ "ކައުންސިލުން ނިންމާފައި އެ ވަނީ އެކަން ކުރެވޭ ގޮތަށް ބިމާ އެއްޗެހި ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވީ މާފަރުގައި އަޅާ އެއާޕޯޓް މަނަދު އަށް ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި މަނަދޫގައި އެއާޕޯޓް އެޅުމާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ރަށުގައި އެއާޕޯޓް އަޅަން ސާވޭތައް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ